"ސަޢޫދީ-މޯލްޑިވްސް އިންޓަރނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ" ގެ ނަމުގައި ބައިނަލްއަގްވާމީ ފޯރަމެއް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ސަޢޫދީ ޢަރަބިއްޔާގެ އޯވަރސައިޓް އެންޑް އެންޓި-ކޮރަޕްޝަން އޮތޯރިޓީ، ނަޒާހާ ގުޅިގެން ބާއްވާ މި ފޯރަމް ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ މެއި މަހުގެ 6 އަދި 7 ވަނަ ދުވަހުއެވެ.
މި ފޯރަމު އިންތިޒާމުކުރަނީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެމްބަރު ގައުމުތަކުގެ އެންޓި-ކޮރަޕްޝަން ލޯ އެންފޯސްމެންޓް އެޖެންސީތަކުގެ ދެވަނަ މިނިސްޓީރިއަލް ބައްދަލުވުމުގެ ގަރާރަކުން ނިންމެވި ނިންމުމަކާ އެއްގޮތަށެވެ.
މިއީ އޯއައިސީގެ މެންބަރު ގައުމުތަކުގެ ފަތުރުވެރިކަމުގެ ދާއިރާގެ ހިންގުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަން ކުރިއަރުވައި، ކޮރަޕްޝަނުން ސަލާމަތްވެފައިވާ ނަޒަހަތްތެރި ސިނާއަތަކަށް ހެދުމުގެ މަގްސަދުގައި ބާއްވާ ފޯރަމެކެވެ.
މި ފޯރަމުގައި ކަމާބެހޭ އިދާރާތަކާއި ޖަމްއިއްޔާ ޖަމާއަތްތަކުން ބައިވެރިވެ، ފަތުރުވެރިކަމުގެ ސިނާއަތުގައި ކޮރަޕްޝަނުގެ ސަބަބުން ދިމާވާ ހުރަސްތަކާއި ގޮންޖެހުންތަކާމެދު މަޝްވަރާކުރާނެއެވެ. އަދި ދެފުށްފެންނަ ނިޒާމެއްގެ ދަށުން މި ދާއިރާ ހިންގުމަށް ހުރި ގޮންޖެހުންތަކާއި، ޖަވާބުދާރީ ކުރުވުމުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރުމަށް ނިންމާފައި ވެއެވެ.
މި ފޯރަމުގައި އޯއައިސީގެ 40 އަށްވުރެ ގިނަ މެމްބަރު ގައުމުތަކުގެ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ އިދާރާތަކާއި، ފަތުރުވެރިކަމާބެހޭ އިދާރާތަކާއި، ބައިނަލްއަގްވާމީ އިދާރާތައް ހިމެނޭހެން 180 އަށްވުރެ ގިނަ އިސްވެރިން ބައިވެރިވެއެވެ.
މީގެއިތުރުން އޯއައިސީގެ މެމްބަރު ގައުމުތަކުގެ މަތީ ފެންވަރުގެ ޕްލިނަރީއެއް ބޭއްވުމަށް ރޭވިފައިވާއިރު، މި ޕްލިނަރީގައި މެމްބަރު ގައުމުތަކުގެ ފަތުރުވެރިކަމާބެހޭ ދާއިރާގެ އިސްވެރިންނާއި ކޮރަޕްޝަން ހުއްޓުވުމުގެ އިދާރާތަކުގެ އިސްވެރިން ވާހަކަ ދައްކަވާނެއެވެ. އަދި ފޯރަމުގެ ޕެނަލް މަޝްވަރާތަކުގައި ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެ، ފަތުރުވެރިކަމުގެ ދާއިރާގައި ކޮރަޕްޝަނުގެ ހިރާސް ކުޑަކުރުމަށާއި، ނަޒާހަތްތެރިކަން އިތުރުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާމެދު ވެސް މަޝްވަރާކުރައްވާނެއެވެ.