ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، ހުސްވި 2024 ވަނަ އަހަރުގެ މެއި މަހު ފެށި މަސައްކަތުން މިއަދާ ހަމަޔަށް 150،000 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަނަށް ބޭނުންވާ ފޮޓޯ ނަގައި ޑޭޓާބޭސް އަދާހަމަކުރެވިފައިވާކަމުގައި ރައީސް ޑރ. މުޙައްމަދު މުޢްއިޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ މިއަހަރުގެ މަސައްކަތްތެރިންގެ ދުވަސް މިއަދު ފާހަގަކުރަމުން ދާއިރު، ރާއްޖޭގެ މަސައްކަތްތެރިންގެ އާބާދީގެ ބޮޑުބައެއް ހިއްސާކުރާ ބިދޭސީ މަސައްކަތްތެރިންގެ ހާލަތާމެދު ވިސްނާލަންޖެހޭ ކަމަށެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންލައްވާ މަސައްކަތްކުރުވުމުގެ ނަތީޖާއެއްގެގޮތުން އެމީހުންގެ އަސާސީ އިންސާނީ ހައްގުތައްވެސް ނިގުޅައިގަނެވިފައިވާކަމުގައި ވަނީ ބަޔާންކުރައްވާފައެވެ. އަދި މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ.
މީގެއިތުރުން މިކަމަށްޓަކައި ކުރެވޭ އެންމެ ފުރަތަމަ އަދި އެންމެ މުހިއްމު މަސައްކަތަކީ، ހުރިހާ ބިދޭސީ މަސައްކަތްތެރިންނަކީ ވެސް ކާކުކަން ބަޔޯމެޓްރިކްގެ އެހީގައި ދެނެގަނެވޭނެ ނިޒާމެއް ޤގާއިމުކުރުންކަމުގައި ފާހަގަކުރައްވާފައިވެއެވެ.
އެމަނިކުފާނުގެ ޕޯސްޓުގައި ބިދޭސީންގެ ބަޔޯމެޓްރިކްސް ހޯދުމުގައި މަސައްކަތްކުރެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައިވެއެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި، ރައީސް ވަނީ ހިތާބެއްވެސް ފޮނުއްވާފައެވެ. މި ހިތާބުގައި ކޮންމެ ކުއްޖަކީވެސް މަސައްކަތްތަކަށް އަހުލުވެރި ހީވާގި ކުއްޖެއްގެ ގޮތުގައި ބޮޑުކުރަން ހާއްސަ ސަމާލުކަމެއް ދިނުމަށް، އެންމެހާ ބެލެނިވެރިންނަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.