ތެލަސީމިއާ ޕޭޝަންޓުންނާ ގުޅޭ ކަންކަން ފުރިހަމަކުރުމަށް ހާއްސަ ސަމާލުކަމެއް މި ސަރުކާރުން ދެއްވާނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ތެލަސީމިއާ ކޮމިއުނިޓީއާއެކު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ތެލަސީމިއާ ކޮމިއުނިޓީގެ ފަރާތުން ވަނީ ސަރުކާރުން އެ ކޮމިއުނިޓީގެ ކަންބޮޑުވުންތައް އައްސަވައި، އެކަންކަމަށް ހައްލު ހޯދައިދިނުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި އިތުރަށް ބޭނުންވާ ކަންކަން ވަނީ ރައީސް އާ ހިއްސާކުރައްވާފައެވެ.
މިގޮތުން މި ސަރުކާރުން ތަރައްގީކުރާ ތެލަސީމިއާ ހޮސްޕިޓަލުގެ ކަންކަން އެންމެ ފުރިހަމައަށްގެންދިއުމަށް ވީހާވެސް ބޮޑަށް، އެފަރާތުގެ މަޝްވަރާއާއި ހިޔާލާއި ވިޝަންއާއެކު ކުރިއަށްގެންގޮސްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ތެލަސީމިއާއާއި ގުޅޭ ނިންމުމެއް ނިންމަވާނަމަ، އެ ކޮމިއުނިޓީގެ ބައިވެރިވުން ހިމެނިގެންދާނެ ގޮތަށް ސިޔާސަތުތައް ބައްޓަންކޮށްދެއްވުމަށް ވެސް އެދިވަޑައިގެންނެވިއެވެ.
ހަމައެއާއެކު މޯލްޑިވްސް ބްލަޑް ސަރވިސް އިން ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ހިދުމަތް ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެމް.ބީ.އެސް.ގެ ހިދުމަތް ވިލަރެސްކޮށް މުޅި ރާއްޖެއަށް ދެވޭނެގޮތަށް ފުޅާކުރެއްވުމަށް ވެސް އެދިލެއްވިއެވެ.
މީގެއިތުރުން ޕޭޝަންޓުންނާ ވީހާވެސް ގާތުން މަސައްކަތްކޮށްދެއްވުމަށާއި ސަރުކާރަކުން ތެލެސީމިއާ ކުދިންނަށް ހާއްސަކޮށް މެނިފެސްޓޯގައި ކަންކަން ހިމަނައިގެން ކުރިއަށްދާ ސަރުކާރަކީ މި ސަރުކާރުކަން ފާހަގަކުރައްވާފައެވެ. އަދި ތެލެސީމިއާ ކުދިންނާ ގުޅޭ ކަންކަމުގެ ސިޔާސަތުތައް ކަނޑައަޅާއިރު، ބޭނުންވާ އެއްބާރުލުން ފުރިހަމައަށް ދެއްވާނެކަން ވެސް ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ތެލަސީމިއާ ކޮމިއުނިޓީން ފާހަގަކުރެއްވިކަންކަން ވަރަށް ރަނގަޅަށް، ސަމާލުކަން ދެއްވައިގެން ބައްލަވާނެކަމަށެވެ. އަދި ތެލެސީމިއާ ޕޭޝަންޓުންގެ ބައިވެރިވުން އޮވެގެން ސަރުކާރުގެ ސިޔާސަތުތައް އިތުރަށް ފުރިހަމަ ކުރެވޭނެކަން ގަބޫލުފުޅު ކުރައްވާކަމުގައި ފާހަގަކުރެއްވިއެވެ.
އެކަމަށް މަގުފަހިކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމަށާއި މި ސަރުކާރުން ތެލަސީމިއާ ޕޭޝަންޓުން ރާއްޖޭގައި ތިބެގެން ފުރިހަމަ ފަރުވާ ލިބޭނެ މަގުފަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވިއެވެ.
ހަމައެއާއެކު މިބައްދަލުވުމުގައި ފާހަގަކުރެއްވި ހުރިހާ ކަންކަމަކީވެސް ވަރަށް "ވެލިޑް" މުހިންމު ކަންކަން ކަމަށާއި އެކަންކަން ހައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ވެސް ވިދާޅުވިއެވެ.