އޮރެންޖު ހިޔާގެ މަސައްކަތް ނިންނާ މިނިސްޓްރީ އާ ހަވާލުކޮށްފި

އެމްއެންޑީއެފް އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ އޮރެންޖު ހިޔާގެ މަސައްކަތް ނިންމާ ހެލްތު މިނިސްޓްރީ އާ ހަވާލުކޮށްފިއެވެ.

 

މި މަސައްކަތް ނިންމާ މިނިސްޓްރީ އާ ހަވާލުކުރީ މިއަދުއެވެ.

 

ހުޅުމާލޭ ފޭސް 1 ގައި ހުންނަ އޮރެންޖު ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުން އަވަސް ކުރުމަށް ސިފައިންނާ ހަވާލުކުރުމުން އެކަމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މާރޗު 28 ވަނަ ދުވަހުއެވެ.

 

މިއީ މާލޭގައި ހިދުމަތް ދެމުން އަންނަ ތެލެސީމިއާ ސެންޓަރު ވަގުތީގޮތުން ހުޅުމާލޭ ފޭސް 1 ގައި ހުންނަ އޮރެންޖު ހިޔާއަށް ބަދަލުކުރުން އަވަސް ކުރުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު އެދިލެއްވުމުގެ މަތިން ގައުމީ މަސައްކަތެއްގެ ގޮތުގައި އެ އިމާރާތުގެ މަސައްކަތް އަވަހަށް ނިންމުމަށް ސިފައިންނާ ހަވާލުކުރައްވައިގެން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.

 

އެ މަސައްކަތް ޢަމަލީގޮތުން ސިފައިން ފެށިއިރު، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވަނީ އެ އިމާރާތަށް ޒިޔާރަތްކުރައްވައި، ސިފައިން ކުރަމުންދާ މަސައްކަތް ބައްލަވާލައްވާފައެވެ. އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި އެމްއެންޑީއެފް ސަރވިސް ކޯރގެ ކޮމަޑާންޓް، ކާނަލް އިސްމާޢިލް ނަޞީރުއާއި އެމްއެންޑީއެފް ސަރވިސް ކޯރގެ ޔުނިޓްތަކުގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

 

 

ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫންގެ އިރުޝާދުގެ ދަށުން މި މަސައްކަތް ކުރިއަށްގެންދިޔައީ އެމްއެންޑީއެފްގެ ސަރވިސް ކޯރގެ ބެލުމުގެ ދަށުންނެވެ. އެގޮތުން އެމްއެންޑީއެފް ސަރވިސް ކޯރގެ މިލިޓަރީ އިންޖިނިއަރސް އާ އޯވަރޯލްކޮށް މަސައްކަތް ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަސައްކަތުގައި، އެ އިމާރާތުގެ ކަރަންޓާއި އޭސީގެ މަސައްކަތް ބެލެހެއްޓީ އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް އިންނެވެ. އަދި އައިޓީސީއާ ގުޅުންހުރި ހުރިހާ މަސައްކަތެއް ކުރީ އެމްއެންޑީއެފް ސިގްނަލްސްގެ ޓެކްނިކަލް ސިފައިންނެވެ.

 

އެ އިމާރާތުގައި ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން، އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސްގެ ޑިޒައިނިންގ ޓީމުން ވަނީ އަލުން އެތަން ފަރުމާކޮށް، ކުޑަކުދިން ގަޔާވާ ކަހަލަ ބައެއް ބަދަލުތައް ވެސް ގެނެސްފައެވެ.

 


  • ތެލަސީމިއާ
  • އެމްއެންޑީއެފް
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް