އެމްބީއެސް ގެ ހިންގުން މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ހަވާލުވަނީ

ތެލެސީމިއާ ސެންޓަރުގެ ހިދުމަތް ހަރުދަނާ ކުރެއްވުމުގެ ގޮތުން މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) ވަރަށް އަވަހަށް ބަދަލުކުރައްވަން ނިންމަވާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

 

"ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓުގެ 5 ވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ އެ ސެންޓަރުގެ އިދާރީ ހިންގުމާއި ހިދުމަތުގެ ގަޑިތަކަށް ބަދަލުގެންނަވަން ނިންމަވާފައިވާކަން ވެސް ހާމަކުރައްވާފައެވެ.

 

މީގެއިތުރުން ހޮސްޕިޓަލެއްގެ ގޮތުގައި ތެލެސީމިއާ ސެންޓަރު ހިންގުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެންމެ ގިނަވެގެން ކުރިއަށްއޮތް ދެ ހަފުތާ ތެރޭގައި، އެމްބީއެސް ގެ ހިންގުމާއި މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ހަވާލުވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ބަދަލުގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާނެ ކަމުގައި ވެސް ވިދާޅުވިއެވެ.

 

އެގޮތުން މި ބަދަލާއެކު ސްޕެޝަލިސްޓް ޑޮކްޓަރުންގެ އެހީގައި ތެލެސީމިއާ ކުދިންގެ ހުރި އެކިއެކި މައްސަލަތަކާއި ދަތިތަކަށް، ހައްލު ލިބިގެން އަންނާނެކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އަތޮޅުތަކުގައި ދެވޭ ހިދުމަތްތައް ވެސް ހިނގަމުންދާނީ އެތަނުގެ ދަށުން ކަމަށާއި ތެލެސީމިއާ ސެންޓަރު ހުޅުމާލޭ އޮރެންޖު ހިޔާއަށް ބަދަލުވެގެންދިއުމާއެކު ހުޅުމާލޭގައި ހުރި، މާލޭ ހޮސްޕިޓަލްސް ގްރޫޕުގެ ހޮސްޕިޓަލުން އެތަނުގެ ހިންގުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރައްވާނެ ކަމުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

 

މިއަދު ފާހަގަކުރާ ދުނިޔޭގެ ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި ދުވަހުގެ ހެޔޮއެދުންތައް އެންމެހާ ފަރާތްތަކަށް ރައީސް ވަނީ އަރިސްކުރައްވާފައެވެ.

 


  • އެމްބީއެސް
  • ތެލަސީމިއާ
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް