ރާއްޖޭގެ ޖުޑިޝަރީއާ މެދު އިތުރުބާރު ގެއްލިއްޖެ: ޑިމޮކްރެޓްސް

ދުނިޔޭގެ ކުރިމަތީގައި ވެސް ރާއްޖޭގެ ޖުޑިޝަރީއާ މެދު އިތުރުބާރު ގެއްލިއްޖެ ކަމުގައި ޑިމޮކްރެޓްސް އިން ބުނެފިއެވެ.

 

އެ ޕާޓީން މިފަދައިން ބުނީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ނެރުނު ބަޔާނެއްގައެވެ.

 

އެ ބަޔާނުގައި ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ވަކިކުރުމުގެ އެންމެހައި ކަމެއް ހިންގާފައިވަނީ ސަރުކާރުގެ ބާރާއި ނުފޫޒުން އަދި ނާއިންސާފުގެ މިސާލަކަށްވާ ފަދައިންކަން ވަނީ ފާހަގަކޮށްފައެވެ. އަދި ފަނޑިޔާރުކަމުން ވަކިކުރުން އެ ޕާޓީން އެންމެ ހަރު އަޑުން ކުށްވެރިކުރާކަމަށް ވެސް ބުނެފައި ވެއެވެ.

 

މީގެއިުތުރުން މިއީ މުޅި ޖުޑިޝަރީއަށް ބިރުދެއްކުމުގެ ޢަމަލެއް ކަމަށާއި ތިން ބާރު ވަކިކުރެވިފައިވާ ނިޒާމެއް، އެއް ބާރުގެ މުށުތެރެއަށްލައި، ރާއްޖޭގެ ޑިމޮކްރަސީ ހަލާކުކޮށްލުމުގެ ޢަމަލެއް ކަަމަށް ވެސް ވަނީ ބުނެފައެވެ. އަދި ޖުޑިޝަރީގެ މިނިވަންކަމުގެ މަފުހޫމުގެ އެއް އަސާސަކީ ފަނޑިޔާރުންނަށް މަގާމުގެ ރައްކާތެރިކަން ކަށަވަރުވެފައި އޮތުންކަމަށް ވެސް އެބަޔާނުގައި ވެއެވެ.

 

މީގެއިތުރުން ފަނޑިޔާރެއްގެ ކުށެއް ނެތި އެއްވެސް ފިޔަވަޅެއް ނޭޅޭނޭކަމުގެ ފުރިހަމަ ޔަގީންކަން ފަނޑިޔާރުންނަށާއި އިންސާފަށް އެދިގެން ދާ ފަރާތްތަކަށް ވެސް އޮތުން ކަމުގައި ވަނީ ބުނެފައެވެ.

 

ޑިމޮކްރެޓްސްގެ ބަޔާނުގައި ޖުޑިޝަރީގެ މިނިވަންކަން ނަގާލި މި ޢަމަލު އ.ދ. އާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ސަމާލުކަމަށް އައިސް އެފަރާތްތަކުން ވެސް އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފައިވާކަން ފާހަގަކޮށްފައި ވެއެވެ.

 

މިކަމުގެ ސަބަބުން ދުނިޔޭގެ ކުރިމަތީގައި ވެސް ރާއްޖޭގެ ޖުޑިޝަރީއާ މެދު އިތުރުބާރު ގެއްލި، ސަރުކާރުގެ އަގުވެއްޓި، ރާއްޖޭގެ ނަން ކިލަނބުވެ، ގޮސްފައިވުމީ މުޅި ގައުމަށް ލިބޭނޭ ބޮޑުގެއްލުމެއް ކަމުގައި އެޕާޓީން ބުނެއެވެ.

 


  • ދަ ޑިމޮކްރެޓްސް
  • ކޮމެންޓް