މުސްލިމުންނަށް މާތްﷲ ދެއްވާ ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފާ ބަޔަކުކަމުގައި މުސްލިމުން ވާން ޖެހޭނެކަމުގައި ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.
"ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން" މި މައުޟޫއަށް ތައްޔާރުކޮށްފައިވާ ހުތުބާގައި ބުނީ މާތް ﷲ ގެ ހަޟުރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ ހުރުމަތްތެރިވެގެންވާ މައްސަރުތަކެއް ކަމަށާއި އެ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ހައްޖު މަސް ކަމަށެވެ. އަދި ހައްޖު މަހުގެ އެންމެ މާތް ދުވަސްތަކަކަކީ އެ މަހުގެ ފުރަތަމަ ދިހަ ދުވަސް ކަމަށެވެ.
"އިލްމުވެރީން ވިދާޅުވާ ގޮތުގައި މި ދިހަ ރެއަކީ ހައްޖުމަހުގެ ފުރަތަ ދިހަ ރޭ. މި ދިހަ ދުވަހަކީ މާތް الله މި ދުނިޔޭގައި ލައްވައިފައިވާ އެންމެ މާތް ދުވަސްތައް."
މި ދީން ފުރިހަމަ ވުމުގެ ސަބަބުން މި ދީނުގެ އަހުލުވެރީންނަށް ފުރިހަމަކަން ލިބޭ ކަމަށާއި އެމީހުން ކުރާ ޢަމަލުތަކަށް ފުރިހަމަ ސަވާބު ލިބޭކަން ވެސް ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެމީހުންގެ ހަޔާތް އަމާންކަމާއި، ރައްކައުތެރިކަން ލިބިފައިވާ ހެޔޮލަފާ ހަޔާތަކަށްވާކަން ވެސް ބަޔާންކޮށްފައި ވެއެވެ.
މީގެއިތުރުން އެމީހުންގެ ސުލޫކާއި އަޚްލާގު ރިވެތި ސުލޫކު ކަމުގައިވާ ކަމަށާއި އިސްލާމް ދީން ފުރިހަމަވުމުގެ ސަބަބުން މުސްލިމުންނަށް އެންމެ ސީދާ ތެދުމަގު އެނގި، އެ މަގަށް ތަބާވެގެން ތިބުމުގެ ނަސީބު ލިބޭކަން ވެސް ހުތުުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
މިދީން ފޯރުކޮށް ދެއްވާފައި ލޮބިވެތި ރަސޫލާ މިދުނިޔެ ދޫކުރެއްވީ އެންމެހާ މުސްލިމުންނަށް އެނގޭނޭ ފަދަ ސާފު އަމާން މަގެއްގެ މައްޗަށް އެބައިމީހުން ނެރުއްވާފައި ކަމުގައި ވެސް ވަނީ ބުނެފައެވެ. އަދި ހައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމާއި މަތިވެރިކަން ގިނަގުނަ ކަމަށާއި، މުސްލިމުންނަށް މާތްﷲ ދެއްވާ ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފާ ބަޔަކުކަމުގައި މުސްލިމުން ވާން ޖެހޭނެ ކަމުގައި ވެސް ވަނީ ބުނެފައެވެ.
ހަމަމިއާއެކު މިފަދަ ހެޔޮކަން ބޮޑު ދުވަސްތަކުގައި ސާލިހު ޢަމަލުތައް ގިނަކޮށް މާތްﷲގެ ހަޟުރަތުގައި މަތީ ދަރަޖަ ލިބޭތޯ ވާދަކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.