މާލެ އަތޮޅު ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފަށައިފިއެވެ.
އެ އަތޮޅުން އެންމެފަހުން މި ހިދުމަތް ފަށާފައިވަނީ ހުރާގައެވެ.
އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި ހިދުމަތް ފައްޓަވައިދެއްވީ ލޯކަލް ކައުންސިލް މިނިސްޓަރ އާދަމް ޝަރީފް ޢުމަރުއާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފްއެވެ.
މި ރަސްމިއްޔާތުގައި ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމު އަދި ރަށުގެ ކައުންސިލްގެ އިސް ބޭފުޅުންނާއި ކައުންސިލްގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފުޅާކުރުމަށް ފަށާފައިވާ މަޝްރޫއުގެ ތެރެއިން ދ އަތޮޅާއި، ހއ އަތޮޅާއި، ނ އަތޮޅާއި، މ އަތޮޅަށް ފަހު، ކ. އަތޮޅު މިއީ ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފުރިހަމަކުރި 5 ވަނަ އަތޮޅެވެ.
މިއަހަރުގެ ނިޔަލަށް ބީއެމްއެލް އިން ބަހައްޓާ 103 އޭޓީއެމްގެ އިތުރަށް މޯލްޑިވްސް އިސްލާމިކް ބޭންކް އިންވެސް 19 ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ޑިސެމްބަރގެ ނިޔަލަށް މިމަޝްރޫއުގެ ދަށުން ޖުމްލަ 122 އޭޓީއެމް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.