މޯލްޑިވިއަން ބްލަޑް ސަރވިސް (އެމްބީއެސް) ގެ ހިދުމަތާއި، ތެލެސީމިއާ ސެންޓަރ، އޮރެންޖު ހިޔާއަށް ރަސްމީކޮށް ބަދަލުކޮށްފިއެވެ.
މިކަމަށްޓަކައި އޮރެންޖު ހިޔާގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހަފްލާ ޝަރަފުވެރިކޮށްދެއްވާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި އިމާރާތުގެ ވޯޑްތަކާއި ދެވޭ ހިދުމަތްތަކާއި އެހެނިހެން ކަންކަން ބައްލަވާލައްވާފައެވެ.
މި ރަސްމިއްޔަތުގައި ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމްއާއި ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން އަދި އެހެން ބައެއް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ތެލެސީމިއާ ސެންޓަރު ހުޅުމާލޭ، އޮރެންޖް ހިޔާއަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްފައިވަނީ އެމްއެންޑީއެފް އިންނެވެ. ތެލެސީމިއާ ސެންޓަރަށް ވަނީ ކުރީގެ ޑިޒައިނަށް ބައެއް ބަދަލު ގެންނަވާ، ކުޑަކުދިން ގަޔާވާފަދަ ގޮތަކަށް ބަދަލުތަކެއް ގެނެސްފައެވެ.
މިއަހަރުގެ ތެލެސީމިއާ ދުވަސް ކަމަށްވާ މެއި މަހުގެ 8 ވަނަ ދުވަހު ރައީސް ޑރ. މުޢިއްޒު ވަނީ އެތަނުގެ ހިންގުން މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސް އަށް ބަދަލުކުރައްވާފައެވެ. ތެލެސީމިއާ ދުވަހާއި ދިމާކޮށް 1994 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުންދިޔަ މޯލްޑިވިއަން ބްލަޑް ސަރވިސްގެ އިމާރާތުގައި ހިންގަމުންދިޔަ ތެލެސީމިއާގެ ހިދުމަތްތައް މިހާރުވަނީ ހުޅުމާލޭ އޮރެންޖް ހިޔާއަށް ބަދަލުކޮށްފައެވެ.
އެހެންކަމުން މި ހިދުމަތް ހޯދުމަށް މާލެއިން ފަސޭހަކަމާއެކު ބަހުގައި ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެމްޓީސީސީން ވަނީ އެސަރަހައްދުގައި އިތުރު ބަސް ހުއްޓިއެއް ވެސް ގާއިމުކޮށްފައެވެ.