ތެލިސީމިޔާ ބައްޔަށް ފަރުވާ ހޯދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރ

ތެލިސީމިޔާ ބައްޔަށް ފަރުވާ ކުރުމުގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

 

އެމްބީއެސްގެ ހިދުމަތާއި ތެލެސީމިއާ ސެންޓަރ، އޮރެންޖު ހިޔާއަށް ބަދަލުކުރުން ރަސްމީކޮށް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ތެލިސީމިއާ ބައްޔަށް ފަރުވާ ކުރުމުގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް މި ފަހުގެ ތާރީޚެއްގައި ސަރުކާރުގެ މައިގަނޑު ސިޔާސަތެއްގެ ގޮތުގައި މެނިފެސްޓޯގައި އެވާހަކަ ލިޔެވިގެން މަސައްކަތް ކުރަންފެށި އެޑްމިނިސްޓްރޭޝަން އަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަމަށެވެ.

 

އެމްބީއެސް އޮރެންޖް ހިޔާއަށް ބަދަލުކުރުމުގެ މަސައްކަތަކީ ރައީސްގެ ހާއްސަ ޕްރޮޖެކްޓެއް ކަމަށް ދެކިވަޑައިގެން އެ މަސައްކަތް ދިވެހި ސިފައިންނާ ހަވާލުކުރައްވާ، މަސައްކަތް ލަސްވުމެއްނެތި، ވަރަށް ފުރިހަމައަށް ނިންމާލެވިފައިވަނީ ރައީސް ޑރ. މުޢިއްޒުގެ އިރުޝާދުންކަން ވެސް ފާހަގަކުރެއްވިއެވެ. އަދި މިކަން ހަގީގަތަކަށް ހައްދަވައިދެއްވި ކަމަށްޓަކައި ރައީސްއަށް ވަނީ ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

 

މީގެއިތުރުން މި މަސައްކަތް ކުރިއަށް ގެންގޮސްދެއްވުމުގައި ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫނާއި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ކޮށްދެއްވި މަސައްކަތް ފާހަގަކުރައްވާފައިވާއިރު، ދިވެހި ސިފައިން ކޮށްދެއްވި ބުރަ އަދި އަގުނުކުރެވޭ މަސައްކަތަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައި ވެއެވެ.

 

މިނިސްޓަރު ވަނީ އެހެނިހެން ގިނަ ކަންތައްތަކެކޭ އެއްފަދައިން ތެލެސީމިއާ ބަލީގެ ފަރުވާގައި ހާސިލު ކުރަންޖެހިފައިވާ ކަންތައް ތައް ގިނަކަން ފާހަގަކުރައްވާފައެވެ. އަދިވެސް ކަޑައްތު ކުރަންޖެހިފައިވާ މަރުހަލާތައް ގިނަކަން ވެސް ފާހަގަކުރެއްވިއެވެ.

 


  • ތެލަސީމިއާ
  • ހެލްތު މިނިސްޓްރީ
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް