މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއަރމަން ރާއްޖޭގައި

މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއަރމަން އަދި ސައޫދީ ދާޚިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ހިޒް އެކެސެލެންސީ ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާ ރޭ ރާއްޖެ ވަޑައިގަންނަވައިފިއެވެ.

 

އެމަނިކުފާނު ރާއްޖެއަށް މި ވަޑައިގެންނެވީ ދިވެހި ހައްޖުވެރިންނަށް މައްކާ ރޫޓު އިނީޝިއޭޓިވް އިފްތިތާހުކުރުމަށް މިއަދު ބާއްވާ ހާއްސަ ރަސްމިއްޔާތަށެވެ.

 

އެމަނިކުފާނާއި، އެމަނިކުފާނާއެކު ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދެންނެވީ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއާއި ރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީގެ އިސްވެރިންނެވެ.

 

މި ވަފުދުގައި ދެން އިސްކޮށް ހިމެނިލައްވާ ބޭފުޅުންގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާގެ ފޮރިން އެފެއާޒް މިނިސްޓްރީގެ ޙައްޖު، އުމްރާ އަދި އެންޑޯސްމެންޓް ޑިޕާޓުމެންޓުގެ ޑިރެކްޓަރ ޖެނެރަލް ހިޒް އެކްސެލެންސީ މޭޖާ ޖެނެރަލް އަބްދުލްމުއްނިމް ބިން ޢަބްދުލް ރަޙްމާން އަލް މަޙްމޫދުގެ އިތުރުން މައްކާ ރޫޓު އިނީޝިއޭޓިވް ސްޓީރިންގ ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް މޭޖާ މުޙައްމަދު ބިން ނަސީރް އަލް ޙައްލާފް ފާހަގަކޮށްލެވެއެވެ.

 

މީގެއިތުރުން ޖެނެރަލް އޮތޯރިޓީ ފޯ އެންޑޯމަންޓް ބޭންކްސް އެންޑް ޑިވެލޮޕްމަންޓް ޕްރޮގްރާމްސްގެ ނައިބް ރައީސް ހިޒް އެކްސަލަންސީ އަބްދު ރަހްމާން ބިން މުޙައްމަދު އަލް އަޤީލް އާއި އެކި އެކި މުއައްސަސާތަކުގެ އިސް ބޭފުޅުން ވެސް ހިމެނެއެވެ.

 

ފާހަގަކޮށްލެވޭ ގޮތުގައި މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުއްވާފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ހާއްސަ އިރުޝާދުގެ ދަށުން މިކަމުގައި ގައުމުތައް ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ހުރިހާ ޝަރުތުތަކަކުން ރާއްޖެ އިސްތިސްނާކޮށް ހާއްސަކަން ދެވިގެންނެވެ.

 

މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާހުކުރުމަށް މިއަދު މެންދުރު ވީއައިއޭގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމެޖެހިފައިވާއިރު، މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާހުކޮށްދެއްވާނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ.

 

މިއީ ރައީސް ޑރ. މުޢިއްޒުގެ އިރުޝާދާއެކު ދިވެހި ހައްޖުވެރިންނަށް ދެމުންދާ ހިދުމަތްތައް ފަސޭހަ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއްކަން ފާހަގަކޮށްލެވެއެވެ.

 


  • ސައުދީ އަރަބިއާ
  • ކޮމެންޓް