މިއަދަކީ ދިވެހި ހައްޖުވެރިންނަށް ތާރީޚީ އުފާވެރި ދުވަހެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާހު ކުރެއްވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެ ހިމެނެއްވެވީތީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއަށާއި ޕްރިންސް މުޙައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކުރައްވާކަމަށެވެ. އަދި މިކަމުގެ ސަބަބުން ދިވެހި ހައްޖުވެރިންގެ ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށެވެ.
ރައީސް ވިދާޅުވީ މިކަމުން އެނގިގެން ދަނީ ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާއި ދެމެދު އޮތް ދުވަސްވީ ގާތް ގުޅުންކަމަށާއި މިއީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި ސައުދީ ސަރުކާރުން ދިވެހި ހައްޖުވެރިންނަށް ހަމަަޖައްސައިދެއްވާފައިވާ އިންތިޒާމުތަކަކީ ވަރަށް ފުރިހަމަ އިންތިޒާމްތަކެއްކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން މި އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރައްވާ ސައުދީ ހައްޖު މިނިސްޓްރީއަށާއި، މައްކާ ރޫޓު އިނީޝިއޭޓިވްގެ އިސް ބޭފުޅުންނަށާއި އެގައުމުގެ އިންޓީރިއާ މިނިސްޓްރީއަށް އަދި ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާކަމަށެވެ.
ރައީސް ޑރ. މުޢިއްޒު ވަނީ ދިވެހި ހައްޖުވެރިންނަށް ހިދުމަތް ދިނުމަށާއި ހައްޖު ވެރިންގެ ހިދުމަތުގައި މިހާރުވެސް ދިވެހި ހައްޖު މިޝަނުން ސައުދީގައި ހަރަކާތްތެރިވެލައްވަމުން ގެންދަވާ ކަމަށެވެ. އަދި ދިވެހި ހައްޖުވެރިންނަށް ދެމުންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ސަޢުދީ ޢަރަބިއްޔާގެ ކަމާއިބެހޭ އިދާރާތަކާއި ގުޅިގެން ފުރަތަމަ ފަހަރަށް ދިވެހި ޙައްޖުވެރިންނަށް ޚާއްްސަ ކްލިނިކެއްވެސް މިހާރު ޤާއިމުކުރެެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ހައްޖުވެރިންނަށް ދެމުންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެއްވުމަށް ސައުދީ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކަމަކީ މުޅި އިސްލާމީ އުއްމަތަށް އެގައުމުން ދެއްވަމުން ގެންދަވާ ފުރިހަމަ ޚހިދުމަތެއްކަމަށެވެ.
މައްކާ ރޫޓު އިނީޝިއޭޓިވް މިއަދު އިފްތިތާހްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ.