ރާއްޖޭގެ ހައްޖުވެރިންނަށް މައްކާ އިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދިޔަ ދިވެހި ހައްޖުވެރިންނަށް ޖިއްދާ އެއަރޕޯޓުން މަރުހަބާ ދެންވުމަށް މައްކާ ރޫޓު އިނީޝިއޭޓިވްގެ ބޭފުޅުންނާއި ދިވެހި ހައްޖު މިޝަން، ސައުދީގައި ހުންނަ ދިވެހި އެމްބަސީ އަދި ހައްޖު ކޯޕަރޭޝަންގެ ބޭފުޅުން އެއަރޕޯޓުގައި ހަރަކާތްތެރިވެލައްވާފައިވެއެވެ.
މިއީ ދިވެހި ހައްޖުވެރިންނަށް މިފަދަ ގޮތަކަށް ޖިއްދާ އެއަރޕޯޓުން މަރުހަބާ ދެންނެވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
މިއަދު ރާއްޖޭގައި ރަސްމީކޮށް އިފްތިތާހުކުރި މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ހައްޖުވެރިން ރާއްޖެއިން ފުރުމުގެ ކުރިން ސައުދީގެ އިމިގްރޭޝަންގެ ހުރިހާ ކަމެއް ވަނީ ފުރިހަމަކޮށްފައެވެ. އަދި ހައްޖުވެރިން ޖިއްދާ އެއަރޕޯޓުގައި މަޑުނުކޮށް ސީދާ ހޮޓަލަށް ދެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.
މިއީ ދިވެހި ހައްޖުވެރިންނަށް ލިބިގެންދާ ބޮޑު ފަސޭހައެއްކަން ފާހަގަކޮށްލެވެއެވެ.
މިއަހަރަކީ ދިވެހި ހައްޖުވެރިންގެ އިންތިޒާމްތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ބޮޑެތި ބަދަލުތަކެއް ގެނެވި، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވިގެންދާނެ އަހަރެކެވެ.
މިއަދު ރާއްޖެއިން ހައްޖަށް ފުރާފައިވަނީ 234 ޙައްޖުވެރިންނެވެ. ހައްޖުވެރިންގެ ދެވަނަ ފުލައިޓު ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނުއެވެ.