ހައްޖުވެރިންގެ ދަތުރުތައް ހައި-ސްޕީޑް ރޭލުގައި ހަމަޖައްސަނީ

ހައްޖުގެ ފުރިހަމަ ތަޖުރިބާއެއް ކަށަވަރު ކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

 

އެމަނިކުފާނު މި ޔަގީންކަން ދެއްވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މައްކާ ރޫޓް އިނިޝިއޭޓިވް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައެވެ.

 

ރައީސް ވަނީ މިއަހަރުން ފެށިގެން ދިވެހި ހައްޖާޖީންގެ ދަތުރުފަތުރުގެ އިންތިޒާމުތަކަށް ބަސް ދަތުރު ހަމަޖެއްސުމުގެ ބަދަލުގައި ހައި-ސްޕީޑް ރޭލުގައި އެ އިންތިޒާމު ހަމަޖައްސަވަމުން ގެންދަވާނެކަން ހާމަކުރައްވާފައެވެ.

 

ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ ތެރެއިން ހައްޖުވެރިންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސައޫދީގައި ހާއްސަ ހައްޖު ކްލިނިކެއް ގާއިމްކޮށް، އިމަރޖެންސީ މެޑިކަލް ހިދުމަތްތައް ގާއިމްކޮށް، ސައޫދީ މެޑިކަލް ޓީމްތަކާ ގުޅިގެން ހިންގަމުންދާނެކަން ވެސް ހާމަކުރެއްވިއެވެ. އަދި އެ މަނިކުފާނުގެ އެދިވަޑައިގަތުމާ އެއްގޮތަށް ބީއެމްއެލްގެ ޑެބިޓް ކާޑް ލިމިޓަށް 1750 ޑޮލަރު އިތުރުކޮށްދެއްވައި، ހައްޖާޖީންނަށް އަޅުކަމުގެ ދުވަސްވަރު ކުރިމަތިވެދާނެ މާލީ ދަތިތަކަށް ލުޔެއް ހޯއްދަވައިދެއްވިފައިވާނެ ކަމުގައި ވިދާޅުވިއެވެ.

 

މި ރަސްމިއްޔާތުގެ ކުރީން، އެމަނިކުފާނާއި އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވަނީ މައްކާ ރޫޓް އިނިޝިއޭޓިވްގެ ފަސޭހަތަކާއެކު ފުރާ އެންމެ ފުރަތަމަ ގުރޫޕުގެ ހައްޖާޖީންނާއި ބައްދަލުކުރައްވައި، އެ ފަރާތްތަކަށް މަބްރޫރު ހައްޖަކަށް އެދިވަޑައިގަންނަވާފައެވެ.

 

އެއަށްފަހު މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ހައްޖާޖީންނަށް ވީއައިއޭގައި ހަމަޖައްސަވާފައިވާ އިންތިޒާމުތައް ހުރިގޮތް ބައްލަވާލެއްވިއެވެ.

 


  • ސައުދީ އަރަބިއާ
  • ހައްޖު ކޯޕަރޭޝަން
  • ހައްޖު
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް