ރާއްޖެއިން ހައްޖަށްދާ 3 ވަނަ ގްރޫޕުގައި 252 މީހުން ފުރައިފިއެވެ.
ދިވެހި ގައުމީ އެއަރލައިންގެ ވައިޑްބޮޑީ މަތިންދާ ބޯޓުގައި މި ފަރާތްތައް ފުރީ މިއަދި ހެނދުނުއެވެ. އަދި 12:55 ހާއިރު ޖިއްދާ އެއަރޕޯޓަށް ޖައްސާނެކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ރާއްޖެއިން މިއަހަރު ހައްޖަށް ދާ މީހުން މިދިޔަ ހޯމަ ދުވަހުން ފެށިގެން ފުރަންފަށާފައިވާއިރު، އެފަރާތްތައް ގެންދަނީ 4 ގްރޫޕްއަކަށް ބަހާލައިގެންނެވެ. އެއީ ސައުދީ އެއަރލައިންއާއި މޯލްޑިވިއަންގެ ފްލައިޓުގައެވެ.
މޯލްޑިވިއަންގެ ފްލައިޓުން މިހާތަނަށް ދެ ދަތުރު ކޮށްފައިވާއިރު، ހައްޖުވެރިންގެ ފަހު ގުރޫޕް މާދަމާ މެންދުރު ފަހު ފުރާނީ ސައުދީ އެއަރލައިންގައެވެ.
މައްކާ ރޫޓް އިނިޝިއޭޓްގެ ދަށުން ދިވެހި ހައްޖުވެރިން މިފަހަރު ފުރަނީ ސައުދީ އިމިގްރޭޝަންގެ ހުރިހާ މަރުހަލާއެއް ރާއްޖެއިން ފުރިހަމަކުރުމަށްފައެވެ. މިއީ އެގައުމުގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުން ރާއްޖެއަށް ފަހިކޮށްދެއްވި ފުރުސަތެކެވެ.