ސައުދީ ސަރުކާރުގެ ހާއްސަ ދަތުރެއްގައި ރައީސްގެ ދެކަނބަލުން ހައްޖަށް

ސައުދީ ސަރުކާރުގެ ހާއްސަ ދަތުރެއްގައި ރައީސްގެ ދެކަނބަލުން މިއަހަރު ހައްޖަށް ވަޑައިގަންނަވާނެކަން ހާމަކުރައްވައިފިއެވެ.

 

މިކަން ހާމަކުރެއްވީ "ރައްޔިތުންނާއެކު" ސިލްސިލާ ޕޮޑްކާސްޓްގެ 7 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.

 

އެމަނިކުފާނު ވިދާޅުވީ މިއަހަރު އެމަނިކުފާނުގެ ދެކަނބަލުން ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާއަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި އެއީ ސައޫދީ ސަރުކާރުގެ ފަރާތުން ދެއްވާ ހާއްސަ ދަތުރެއް ކަމަށެވެ.

 

މި ދަތުރުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސަވާ ދެއްވާފައިވަނީ ރޯޔަލް ކޯޓުން ހިލޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

 

މީގެއިތުރުން ހައްޖާޖީންނަށް އިންތިޒާމްތައް ހަމަޖައްސަވާދެއްވާފައިވާ ގޮތާގުޅޭގޮތުގެ މައްޗަށް އަލިއަޅުވައިލައްވާ ވިދާޅުވީ މައްކާ ރޫޓް އިނީޝިއޭޓިވްގެ ތެރެއިން ހައްޖާޖީންނަށް މައްކާއަށް ދެވުމުން އެއަރޕޯޓްގައި މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދެވޭނެ އިންތިޒާމް ހަޖެހިގެން ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިނާގައި ތިބުމަށްވެސް ވަރަށް ފެންވަރު ރަނގަޅު އިންތިޒާމް ހަމަޖެހިފައިވާކަން ފާހަގަކުރެއްވިއެވެ.

 

ހަމަމިއާއެކު މައްކާއިން މަދީނާއަށް ދާނީވެސް ހައި ސްޕީޑް އެންމެ ރަނގަޅު ރޭލުގައި ދެތިން ގަޑިއިރު، ގާތްގަނޑަކަށް 2 ގަޑިއިރުތެރޭ ކަމަށާއި މި ހުރިހާކަމެއް ހަމަޖެހިގެން ދިޔައީ ސައޫދީ ސަރުކާރާއި ދިވެހި ސަރުކާރުން ގުޅިގެން ކުރެއްވި މަސައްކަތުންކަމުގައި ފާހަގަކުރެއްވިއެވެ.

 

ރައީސް ވިދާޅުވީ މިކަމުން ފެންނަނީ އެގައުމުގެ ސަރުކާރުން ރާއްޖެއާމެދު ބަހައްޓަވާ ގާތްކަންކަމަށާއި، އެގައުމުން ރާއްޖެއަށް ދެއްވާ އަހައްމިއްޔަތުކަން ކަމުގައެވެ. އަދި އެކަމަށްޓަކައި އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

 

ޕޮޑްކާސްޓުގެ މި އެޕިސޯޑު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ހައްޖަށް ފަހު އަންނަ އީދުގައިވެސް އުފާފާޅުކުރުމަށް ބާރުއަޅުއްވައި، ދީނީ މިންގަޑުތަކާ އެއްގޮތަށް އުފާފާޅުކުރެއްވުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

 

 


  • ސައުދީ އަރަބިއާ
  • ހައްޖު ކޯޕަރޭޝަން
  • ހައްޖު
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް