ގުޅީފަޅުގެ އައު ލޭންޑް ޔޫސް ޕްލޭނާ އެއްގޮަތަށް ގުރުނެގުން ކުރިއަށް

ގުރުނެގުން ކުރިއަށްދަނީ - ފޮޓޯ: އަލިބެ

ގުޅީފަޅުގެ އައު ލޭންޑް ޔޫސް ޕްލޭނާ އެއްގޮަތަށް ގުރުނަގަން ފަށައިފިއެވެ.

 

ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ބަންޑާރަ ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުނެގުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ހައުސިންގ އެންޑް ކޮންސްޓަރަކްޝަން މިނިސްޓްރީގެ ފަރާތުންނެވެ. މި ހަރަކާތް ފަށާފައިވަނީ މިއަދު މެންދުރުފަހު 2:30 ގައެވެ.

 

އެ މިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި އެ ސްކީމްގެ ދަށުން ކުރިން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަހައްދަށް ބަދަލު އައިސްފައިވުމުން، އައު ލޮޓް ނަންބަރެއް ކަނޑައެޅިގެންދާނެއެވެ. އަދި މި ބަދަލާއި ގުޅިގެން މި ގޯތިތަކުގެ ވެރިފަރާތްތަކާއި މިހާތަނަށް ގުޅީފަޅުން ގޯތި ހަވާލުކޮށްފައިވާ ފަރާތްތަކުގެ މެދުގައި ގުރުނެގުން ކުރިޔަށްގެންދާނެކަމަށް ވެސް ވިދާޅުވެއެވެ.

 

މި ބަދަލާއި ގުޅިގެން ގުޅީފަޅުން ގޯތިލިބޭ ފަރާތްތަކަށް ލިބިގެންދާ ޕްލޮޓްގެ ގުރުނެގުމުގެ ކަންކަން ކުރިއަށް ގެންދާނީ އެކަމަށް ކަނޑައަޅާފައިވާ އެ މިނިސްޓްރީގެ މުވައްޒަފުންކަމަށް ވިދާޅުވެއެވެ. އަދި ގުރުނެގުމަށް ހަމަޖެހިފައިވާ ސަރަހައްދަށް ބިން ލިބިފައިވާ ފަރާތް/ފަރާތްތަކުގެ ތެރެއިން ކޮންމެ ޕްލޮޓަކަށް އެއް ފަރާތަށް ގުރުނެގުމަށް ހަމަޖެހިފައިވާ ސަރަހައްދަށް ވަދެވޭނެ އިންތިޒާމު ހަމަޖެހޭނެކަަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

 

މީގެއިތުރުން ބިން ލިބޭ ފަރާތެއް ބަދަލުގައި އެހެން ފަރާތަކުން ހާޟިރުވާން ބޭނުންނަމަ، ބިން ލިބޭ ފަރާތުގެ އިއުތިރާޒެއްނެތް ކަމުގެ ލިޔުމާއި ބަދަލުގައި ހާޟިރުވާ ފަރާތުގެ އައި.ޑީ. ކާޑުގެ ކޮޕީއާއެކު އެތަނަށް ދިޔުމަށް އެދިލައްވައެވެ.

 

މިގޮތުން ގުރުނަގަމުންދާއިރު ހިޔާވެހި ޕޯޓަލްއިން ޕްލޮޓް އެލޮކޭޓްވާ ފަރާތްތައް ވަގުތުން ފެނި އެފަރާތްތަކަށް ވަގުތުން އެސް.އެމް.އެސްގެ ޒަރިއްޔާއިން މެސެޖް ލިބޭނެކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ގޯތިލިބޭ ފަރާތްތަކުގެ ގުރުނަގާ ނިމުމުން، ގޯތިތަކުގެ ރަޖިސްޓްރީ އާއި ބިން ލިބޭ ފަރާތްތަކާއެކުވާ އެއްބަސްވުންތަކާގުޅޭ މައުލޫމާތު މިނިސްޓްރީން ފަހުގެ ތާރީޚެއްގައި ހިއްސާކުރާނެކަމަށް ހާމަކުރައްވައެވެ.

 


  • ހައުސިންގ މިނިސްޓްރީ
  • ގުޅީފަޅު
  • ކޮމެންޓް