އަރަފާތު ދުވަހަކީ ދުއާ އިޖާބަކުރެއްވުމުގެ ދުވަސްކަމަށާއި އެދުވަހު ޛިކުރުކޮށް ދުއާކުރުން ގިނަކުރުމަށް ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.
"ޢަރަފާތު ދުވަހުގެ މާތްކަން" މި މައުޟޫއަަށް ތައްޔާރުކޮށްފައިވާ ހުތުބާގައި ބުނީ އަރަފާތު ދުވަހު އަރަފާތުގެ ބިމަށް ޖަމާވާ ހައްޖުވެރިންގެ ގިނަގުނަ ފާފަތައް މާތް الله ފުއްސަވައިދެއްވާކަމަށާއި އެދުވަހަކީ ފާފަފުއްސެވުމާއި، އަފޫކުރެއްވުމުގެވެސް ދުވަހެއް ކަމަށެވެ.
"އަރަފާތު ދުވަހު ރޯދަ ހިފުމީ، އިސްވެދިޔަ އަހަރާއި އަންނާން އޮތް އަހަރުގެ ކުދި ފާފަތައް ފުއްސަވާނޭކަމެކެވެ. އަދި ޢާޝޫރާ ދުވަހު ރޯދަ ހިފުމީ، އިސްވެ ގޮސްފައިވާ އަހަރުގެ ކުދި ފާފަތައް ފުއްސަވާނޭކަމެކެވެ."
މީގެއިތުރުން ހައްޖުގެ އަޅުކަން އަދާކުރުމުގެ ނަސީބު ނުލިބޭ މީހުން ވެސް އަރަފާތު ދުވަހުގެ ސަވާބުން މަހުރޫމު ނުކުރާކަން ފާހަގަކޮށް ހުތުބާއި ވަނީ ހައްޖަށް ދިއުމުގެ ނަސީބު ނުލިބޭ މީހުން އަރަފާތު ދުވަހު ރޯދަހިފުން މޮޅު އިތުރުވެގެންވާކަން ހަނދުމަކޮށްދީފައެވެ. އަދި އަރަފާތު ދުވަހު ރޯދަހިފުމަކީ ފާއިތުވެ ދިޔަ އަހަރާއި އަންނާން އޮތް އަހަރުގެ ކުދި ފާފަތައް ފުހެވޭ ކަމެއްކަމުގައި ރަސޫލާގެ ހަދީސުން ސާބިތުވާކަން ވެސް ހަނދާންކޮށްދީފައި ވެއެވެ.