ރާއްޖެއިން ހައްޖަށް ދިޔަ އެންމެންގެ ހާލުވެސް ރަނގަޅު: ހައްޖު މިޝަން

ރާއްޖެއިން ހައްޖަށް ދިޔަ އެންމެންގެ ހާލުވެސް ރަނގަޅުކަމުގައި ރާއްޖޭގެ ހައްޖު މިޝަނުން ވިދާޅުވެއްޖެއެވެ.

 

އެފަރާތުން ވިދާޅުވީ ހައްޖުގެ އަޅުކަން އަދާކުރުމަށް މިއަހަރު ރާއްޖެއިން ދިއުމަށް ހަމަޖެހިފައިވާ 1000 ހައްޖާޖީން މައްކާއަށް ގޮސްފައިވާ ކަމަށެވެ.

 

ހަތަރު ފްލައިޓެއްގެ މަތިން ހައްޖާޖީން މައްކާއަށްގޮސްފައިވާއިރު، މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ހައްޖުވެރިންނަށް ދަތުރުކުރުމުގެ އިންތިޒާމް މިއަހަރު ވަނީ ހަމަޖައްސައިދީފައެވެ. އެހެންކަމުން ހައްޖުވެރިންގެ ދަތުރަށް ވަނީ ވަރަށް ބޮޑު ލުއިފަސޭހައަށް ލިބިގެންގޮސްފައެވެ.

 

އެގޮތުން ޖިއްދާ އެއަރޕޯޓުގައި ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދިޔައިރު، މިކަމުގެ ހިއްހަމަޖެހުން ހައްޖުވެރިން ވަނީ ފާހަގަކުރައްވާފައެވެ. 

 

ހައްޖުވެރިން މަޝާޢިރުތަކަށް ދިއުމުގެ ކުރިން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ރާއްޖޭގެ ހައްޖު ކޯޕަރޭޝަނުން މިހާރު ގެންދަވަނީ ފުރިހަމަ ކުރައްވަމުންނެވެ. އަދި ހައްޖުވެރިންނާއި ގުޅޭ ކަންކަން ސައޫދީ ސަރުކާރާއި ގުޅިގެން ދިވެހި ހައްޖު މިޝަނުން އަންނަނީ ކުރަމުންނެވެ. 

 

މިއަހަރުގެ އަރަފާތް ދުވަހަކީ ޖޫން މަހުގެ 5  ވަނަ ދުވަހެވެ.

 


  • ސައުދީ އަރަބިއާ
  • ހައްޖު ކޯޕަރޭޝަން
  • ހައްޖު
  • ކޮމެންޓް