ހައްޖު ވެކްސިނާއި ހައްޖާޖީންގެ ބޭސްފަރުވާ ހިލޭ

ދިވެހިން ހައްޖަށްގޮސް ތިބޭއިރު ޑޮކްޓަރަށް ދެއްކުމަށްފަހު ނަގާ ބޭސް މިއަދުން ފެށިގެން ހިލޭ ލިބޭނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު މައްކާގައި ދިވެހި ހައްޖުވެރިންނާ ބައްދަލުކޮށްލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

 

ރައީސް ވަނީ ކުރިއަށްއޮތް ތަނުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް ހައްޖަށް ދާއިރު ބޭނުންވާ މެޑިކަލް ކަންކަން ހިލޭ ފުރިހަމަ ކުރެވޭނެ ކަމަށާއި ވެކްސިންވެސް ރަށުގައި ތިބެގެން ހިލޭ ޖެހޭނެގޮތް ފަހިކޮށް ދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި ދިވެހި ސަރުކާރުން އެންމެ އިސްކަމެއް ދެއްވާނީ ހައްޖާޖީންގެ ކަންތައްތައް ވީހާވެސް ރަނގަޅަކަށް ފުރިހަމަކޮށް ދިނުމަށްކަން ފާހަގަކުރައްވައި، ދިވެހީން ހައްޖަށް ފުރީއްސުރެ އެނބުރި ރާއްޖެ ދެވެންދެން ހުރިހާ ކަމެއް ވީހައިވެސް ފުރިހަމައަށް ކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.

 

މިގޮތުން ހައްޖުވެރިންނާ ވަރަށް ގާތުން އިސްލާމިކް މިނިސްޓްރީއާއި ހައްޖު ކޯޕަރޭޝަނުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަހަރުގެ ހައްޖުވެރިންގެ ހުރިހާކަމެއްވެސް ފުރިހަމައަށް އިންތިޒާމު ކުރުމަށް ސައޫދީ ސަރުކާރުން ކޮށްދެއްވާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ.

 

މިގޮތުން މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ދިވެހި ހައްޖާޖީންނަށް ވަރަށް ލުއިފަސޭހަ އިންތިޒާމުތައް ހަމަޖެހިފައިވާކަން ފާހަގަކުރައްވައި، މިނާގައި ތިބުންވެސް 'އަޕްގްރޭޑް' ކޮށް ހިދުމަތާއި އިންތިޒާމުތައް ކުރިއަށްވުރެ މަތިކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ދިވެހިންނަށް ހާއްސަ ކްލިނިކެއްވެސް ގާއިމުކޮށް ދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ.

 

މިހުރިހާ ކަމަކަށްޓަކައި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައާއި އެންމެހައި ދިވެހި ހައްޖާޖީންގެ ފަރާތްޕުޅުން ސައޫދީ ރަސްގެފާނަށާއި ވަލީއަހުދަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ސައޫދީ ސަރުކާރުން ދިވެހިންނާމެދު ދެކެނީ ވަރަށް ގާތްކޮށް، ވަރަށް އުޚުއްވަތްތެރިކޮށް، އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައިކަން ފާހަގަކުރައްވައި، އެކަމަކީ ދިވެހިން އުފާކުރަންވާނެ ކަމެއްކަމުގައި ވިދާޅުވެފައެވެ.

 

ދިވެހި ހައްޖާޖީން ތިބޭ ހޮޓަލަށް މިއަދު މި ކުރެއްވި ޒިޔާރަތުގައި ރައީސްގެ ދެކަނބަލުން ވަނީ ވަކިވަކި ހައްޖާޖީންނާ ބައްދަލު ކުރައްވައި، އެކި ކަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

 

ހައްޖުގެ މަތުވެރިއަޅުކަން އަދާކުރުމަށް ރާއްޖެއިން މިއަހަރު 1000 ހައްޖާޖީން ދަތުރުކުރިއެވެ

.


  • ސައުދީ އަރަބިއާ
  • ހައްޖު ކޯޕަރޭޝަން
  • ހައްޖު
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް