ދިވެހި ހައްޖުވެރީން ތިބީ މިނާގަ، ހާލު ރަނގަޅު

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ހުރިހާ ދިވެހީންވެސް މިހާރުތިބީ މިނާގައި ކަމަށާއި އެންމެންގެ ހާލު ވެސް ރަނގަޅުކަމުގައި ރާއްޖޭގެ ހައްޖު މިޝަނުން ވިދާޅުވެއްޖެއެވެ.

 

ހައްޖުވެރިން މިނާއަށް ގޮސްފައިވަނީ ރޭގެ ވަގުތެއްގައެވެ. ރާއްޖެއިން ދިޔަ 1000 މީހުން ހޮޓަލުން މިނާއަށް ދަތުރުކޮށްފައިވަނީ 21 ބަހުގައެވެ.

 

އެހެންއަހަރުތަކާއި ހިލާފަށް މިނާގައި ދިވެހި ހައްޖުވެރިން ތިބުމަށް ހަމަޖައްސާފައިވަނީ ދިވެހީންނަށް ހާއްސަ ފޭލިގެތަކުގައެވެ. އެހެން އެއްވެސް ގައުމެއްގެ ހާޖީންނެއް އެތަނުގައި ނުތިބޭނެއެވެ. މިގޮތަށް ހަމަޖެހިފައި މިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހާއްސަ އިރުޝާދުގެ ދަށުން، ދިވެހި ހާޖީންނަށް ފޯރުކޮށްދެމުންދިޔަ ސީ ކެޓަގަރީގެ ހިދުމަތް ބީ ކެޓަގަރީއަށް ބަދަލުކުރުމުންނެވެ.

 

މީގެއިތުރުން ދިވެހި ހައްޖުވެރީންނަށް މީގެކުރިން ޕާރުސަލުތަކުގައި ކެއުން ބެހިނަމަވެސް، މިއަހަރު އެކަންވެސް ބުފޭ އަށް ވަނީ ބަދަލުކޮށްފައެވެ. އަދި ބޭނުންވެއްޖެނަމަ، ކޮންމެ ވަގުތަކުވެސް ކެވޭނެ އިތުރު އިންތިޒާމުތައްވެސް ހަމަޖައްސާފައިވާއިރު، ދިވެހީންނަށް ހާއްސަ ފާޚާނާތައް ވެސް ވަނީ ހަމަޖައްސާފައެވެ.

 

މިނާގައި މިއަދު މަޑު ކުރުމަށްފަހު، އަރަފާތަށް ދިއުމަށް ދަތުރުފަށާނީ މިރެއެވެ. އަރަފާތާއި މުޒްދަލިފާގައި މަޑުކުރުމަށްފަހު އަނެއްކާވެސް އެނބުރި ދާނީ މިނާއަށެވެ. އެގޮތުން ހައްޖު މަހުގެ 11، 12 އަދި 13 ވަނަ ދުވަސް މިނާގައި ހޭދަކުރާނެއެވެ.

 


  • ސައުދީ އަރަބިއާ
  • ހައްޖު ކޯޕަރޭޝަން
  • ހައްޖު
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް