ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސައޫދީ އަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދާ ބައްދަލުކުރައްވައިފިއެވެ.
އަލް-މިނާ ޕެލަސްގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެގައުމުގެ ސަރުކާރުން ދެއްވަމުން ގެންދަވާ މެހުމާންދާރީއަށާއި އެއްބާރުލެއްވުމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ. އަދި އެންމެހައި ހައްޖާޖީންނަށް ފޯރުކޮށްދެއްވި ފުރިހަމަ ހިދުމަތަށްޓަކައި، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސައޫދީ ރަސްގެފާނު ހިޒް މެޖަސްޓީ ކިންގް ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށާއި ވަލީޢަހްދަށް ވެސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވެސް ވަނީ ރާއްޖެއާއި ސައޫދީ އާ ދެމެދު ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ދެ ގައުމުގެ މެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުން، ދެ ގައުމަށްވެސް ފައިދާކުރާނޭހެން ބަދަހިކުރެއްވުމަށް ކުރެއްވިދާނޭ ކަންތައްތަކާމެދު ހިޔާލު ބަދަލުކުރެއްވިއެވެ.
ރައީސް ޑރ. މުޢިއްޒާއި އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ވަޑައިގެން މި ވަގުތު ތިއްބެވީ ސައޫދީ އަރަބިއްޔާގައެވެ. އަދި އަރިހުގައި ވަޑައިގެންނެވި މަތީފަންތީގެ ވަފުދު، އެ ގައުމުގައި ތިއްބަވަނީ ސައޫދީ ސަރުކާރުގެ ހާއްސަ މެހުމާނުންގެ ގޮތުގައެވެ.
މި ބައްދަލުކުރެއްވުމުގައި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު، އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް، ސްޕޯޓްސް މިނިސްޓަރ ޢަބްދުﷲ ރާފިޢު އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި ޗީފް އޮފް ޕްރޮޓޮކޯލް މުޙައްމަދު ޝަހުދީ، ބައިވެރިވެވަޑައިގަތެވެ.
މީގެއިތުރުން މައްކާ ސަރަހައްދުގެ ޑެޕިއުޓީ ގަވަރުނަރ ހިޒް ރޯޔަލް ހައިނަސް ޕްރިންސް ސުޢޫދު ބިން މިޝްޢަލް ބިން ޢަބްދުލްޢަޒީޒް، ސްޕޯޓްސް މިނިސްޓަރ ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޢަބްދުލްޢަޒީޒް ބިން ތުރުކީ ބިން ފައިޞަލް ބިން ޢަބްދުލްޢަޒީޒް، ހޯމް މިނިސްޓަރ ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޢަބްދުލްޢަޒީޒް ބިން ސުޢޫދު ބިން ނާއިފް ބިން ޢަބްދުލްޢަޒީޒް، ޤައުމީ ސަލާމަތާ ބެހޭ ވަޒީރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ބަންދަރު ބިން ޢަބްދުލްޢަޒީޒް، ދިފާޢީ ވަޒީރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޚާލިދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަދި ޚާރިޖީ ވަޒީރު، ހިޒް ހައިނަސް ޕްރިންސް ފައިޞަލް ބިން ފަރްޙާން ބިން ޢަބްދުﷲ، ސައޫދީގެ ވަލީޢަހްދުގެ އަރިހުގައި ބައިވެރިވެވަޑައިގަތެވެ.