11 އަހަރު ފަހުން އައިކާއޯގެ އޯޑިޓް ރާއްޖޭގައި ފަށައިފި

ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާ ބަލައި ފާސްކުރުމަށް އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކުރާ އޯޑިޓް ފަށައިފިއެވެ. 

 

އޯޑިޓް އަލުން ފެށިގެން މިދިޔައީ 11 އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހުގައެވެ.

 

މިއީ ޔުނިވަރސަލް ސޭފްޓީ އޯވަރސައިޓް އޯޑިޓް ޕްރޮގްރާމް -ކޮންޓިނުއަސް މޮނިޓަރިންގ އެޕްރޯޗް (ޔޫސޯޕް ސީއެމްއޭ)  ގެ ދަށުން ކުރެވޭ އޯޑިޓެކެވެ.

 

މި އޯޑިޓާ ގުޅިގެން، މިނިސްޓަރ އަމީން ވަނީ އައިކާއޯގެ އޯޑިޓް ޓީމާ ބައްދަލުކުރައްވައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންނަވާފައިވާ މުހިންމު އިސްލާހުތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވާފައެވެ. ހާއްސަކޮށް ގާނޫނީ އޮނިގަނޑަށް ގެނެވުނު ބަދަލުތަކާއި، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) ގެ އިސްކަންދޭ ދާއިރާއާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކުރެއްވިއެވެ.

 

މިނިސްޓަރ އަމީން ވިދާޅުވީ މި އޯޑިޓުން ކުރީގެ އޯޑިޓަށް ވުރެ ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާ ހަރުދަނާކުރުމަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މުވައްޒަފުން ކުރައްވާފައިވާ މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

 

އައިކާއޯގެ އޯޑިޓް ޓީމުން ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތައް ބަލައި، ބައިނަލްއަގުވާމީ މިންގަނޑުތަކާއި އެއްގޮތަށް ކަންކަން ހުރިތޯ ދިރާސާކުރާނެއެވެ. މި އޯޑިޓުން ލިބޭ ނަތީޖާއަކީ ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާ އިތުރަށް ތަރައްގީކުރުމަށް މުހިންމު މައުލޫމާތުތަކެއް ލިބޭނެ އޯޑިޓެކެވެ.

 

 


  • ޓްރާންސްޕޯޓު މިނިސްޓްރީ
  • ކޮމެންޓް