ރާއްޖެ

ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައިކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫއަވުން

ސަވާބާއި ދަރުމަ ހުރި ހިޖުރައަކަށް ހިޖުރަ ވާނީ މާތް الله އާއި އެކަލާނގެ ރަސޫލާއަށްޓަކައި ކުރި ހިޖުރައަކަށް ވާނަމަ، ކަމުގައި ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.

 

"ހިޖުރައިގެ އިބްރަތްތަކުގެ ތެރެއިން' މި މައުޟޫއަށް ތައްޔާރުކޮށްފައިވާ ހުތުބާގައި ބުނީ ހިޖުރައިގެ ސަވާބާއި ދަރުމަ ލިބުން ހުރީ އެކަމުގައި ހިޖުރަވެރިޔާގެ ނިޔަތުގެ މައްޗަށް ކަމަށެވެ. އަދި ބައެއް މީހުން ދުންޔަވީ ފާއިދާއެއް ހޯދުމަށް ނުވަތަ މީހަކާ ކާވަނިކުރުމަށް ވެސް ހިޖުރަކޮށް އުޅޭ ކަމަށެވެ.

 

" ނަމަވެސް ސަވާބާއި ދަރުމަ ހުރި ހިޖުރައަކަށް ހިޖުރަ ވާނީ މާތް الله އާއި އެކަލާނގެ ރަސޫލާއަށްޓަކައި ކުރި ހިޖުރައަކަށް ވާނަމަ."

 

މީގެއިތުރުން މި ފެށޭ ހަފުތާއަކީ ހިޖުރީ އައު އަހަރެއް ފެށޭ ހަފުތާއަށް ވާތީ، ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައާ މެދު ފުންކޮށް ވިސްނައިލުމަކީ މިއަދު ކުރާންޖެހޭ ކަމެއް ކަމަށާއި ހިޖުރައިގެ މާނައަކީ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުމަށް ވުރެ މާފުޅާ މާނައެއް އޮތް ކަމެއްކަމުގައި ހުތުބާގައި ބުންޏެވެ. އަދި ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައިކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫއަވުން ކަމުގައި ވެސް ބުންޏެވެ.

 

ހުތުބާގައި އިތުރަށް ބުނީ ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގައި ތަފާތު އެތައް އިބުރަތްތަކަކާއި ދަރުސްތަކެއް ވާ ކަމަށެވެ. ހިޖުރައިން ލިބޭ އަގުހުރި އެއް ފިލާވަޅަކީ ދީނަށްޓަކައި ގުރުބާންވުމުގެ މަތިވެރި ފިލާވަޅުކަން ފާހަގަކުރިއެވެ. އަދި ކީރިތި ރަސޫލާ  މަދީނާއަށް ހިޖުރަކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ އެކަލޭގެފާނު އުފަންވެވަޑައިގެން ބޮޑުފުޅުވީ ރަށާއި، އާއިލާގެ ބޭފުޅުން، އިސްލާމްދީނުގެ ދިފާއުގައި ދޫކުރައްވާފައިކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

 

ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ އެކަމެއް ފުރިހަމައަށް ރޭވުމާއި ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ހަމަޖައްސައިފައިވުން ކަމަށާއި ހިޖުރައިގެ ދަތުރުފުޅުގެ މަސައްކަތްތައް ވަނީ ވަރަށް ފުރިހަމައަށް ބަހައިލެވިފައިކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އެގޮތުން އަބޫބަކުރުގެފާނު ކުރެއްވި އެއް ކަމަކީ ހަތަރު މަސް ކުރީން ސިއްރިޔާތުގައި ދަތުރުފުޅުގެ ސަވާރީ ތައްޔާރުކުރައްވާން ފެއްޓެވުން ކަމަށާއި ހަމަ އެފަދައިން ހިޖުރައަށް ނުކުމެވަޑައިގަންނަވާ ރޭގައި ޢަލީގެފާނު ކީރިތި ރަސޫލާގެ ދާންމަތިކޮޅުގައި އަވަހާރަފުޅުލެއްޕެވިކަން ހުތުބާގައި ހަނދާންކޮށްދިނެވެ.

 


  • ހުކުރު ދުވަސް
  • ހުކުރު ޚުތުބާ
  • ކޮމެންޓް