ވިނަރެސް ފްލެޓުގެ އެޕާޓްމެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ހުޅުމާލެ ފޭސް 2ގެ ވިނަރެސް ފްލެޓްގެ އެޕާޓްމަންޓެއްގައި މި ހާދިސާ ހިނގީ ހެނދުނު ކަމަށެވެ. އަދި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން އަލިފާން ނިއްވާލާފައިވާ ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 2ގެ ވިނަރެސް ފްލެޓްގެ 9 ބީ ބްލޮކްގެ 13 ވަނަ ފަންގިފިލާގެ، 6ވަނަ އެޕާޓްމަންޓުގައި ކަމަަށާއި އެމައުލޫމާތު އެ ސަރވިސް އަށް ލިބުނީ މިއަދު ހެނދުނު 07:41 ހާއިރު، ކަމަށް ވެސް ވިދާޅުވިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ އަލިފާން ރޯވި ސަބަބު ދެގަތުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.
މި ހާދިސާ އާ ގުޅިގެން ނެޝަނަލް ޑިޒާސްޓަރ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވީ ހާދިސާގެ ސަބަބުން އެޕާޓްމަންޓް ވަނީ މީހުން ދިރިނޫޅެވޭ ވަރަށް ގެއްލުން ލިބިފައި ކަމަށެވެ. އަދި އެޕާޓްމަންޓްގައި ދިރިއުޅޭ 4 މީހަކަށް 5 ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުމާއި 2 މީހަކަށް އަންނައުނު ފޯރުކޮށްދީފައިވާ ކަމަށެވެ.