ފަސާދަ އާއި ދެކޮޅަށް އަހަރަމެން ތެދުވަންޖެހޭނެ: ހުތުބާ

ޢާޝޫރާ ދުވަހުން ލިބޭ އެންމެ މުހިންމު ފިލާވަޅަކީ އިމާންކަން ހަރުދަނާކުރުމަށް މަސައްކަތްކުރުމުގެ ފިލާވަޅު ކަމުގައި ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.

 

"ޢާޝޫރާ ދުވަހުގެ މާތްކަން" މި މައުޟޫއަށް ތައްޔާރުކޮށްފައިވާ ހުތުބާގައި މުޙައްރަމް މަހަކީ މާތް ﷲ ހުރުމަތްތެރި ކުރައްވައިފައިވާ މަހެއްކަން ފާހަގަކޮށް ބުނީ ރަމަޟާން މަހަށް ފަހު ރޯދަހިފުން އެންމެ އިތުރުވެގެންވާ މަހަކީ މުޙައްރަމު މަސްކަމަށެވެ.

 

އެގޮތުން ޢާޝޫރާ ދުވަހު ރޯދަހިފުމަކީ، ވޭތުވެ ދިޔަ އަހަރުގެ ކުށްފާފަތައް، ފުއްސަވައިދެއްވާނެ ޢަމަލެއް ކަމަށް ބުނެފައި ވެއެވެ. އަދި މުޙައްރަމް މަހުގެ ދިހަވަނަ ދުވަހަކީ ނުވަތަ ޢާޝޫރާ ދުވަހަކީ ހެޔޮކަމާއި ޒިކުރާތަކާއި ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

 

މީގެއިތުރުން ޢާޝޫރާ ދުވަހަކީ ފިރުޢައުނުގެ ކިބައިން މޫސާގެ ފާނު ސަލާމަތްކުރައްވައި، ފިރުޢައުނާއި އޭނާގެ ލަޝްކަރު މާތް ﷲ ޣަރަގުކުރެއްވި ދުވަސްކަން ހަނދާންކޮށްދިނެވެ. އަދި މާތްﷲ އަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަން އުޅޭ މީހުންނަށް ގަދަފަދަ އަޒާބުން، އަޒާބުދެއްވާ ނެތިކުރައްވާނެ ކަމަށާއި ފިރުޢައުނު ޣަރަގުކުރެއްވި ހާދިސާ އަކީ އެކަމުގެ ހެއްކެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

 

އެފަދަ މީހުންނަށް ކާމިޔާބެއް ނުލިބޭނެ ކަމަށާއި ފަސާދަ އާއި ދެކޮޅަށް އަހަރަމެން ތެދުވަންޖެހޭނެ ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ. އަދި މާތްﷲ އަށް އީމާންވާ މީހުންނަށް ދުނިޔޭގައި ވެސް އިއްޒަތާއި ޝަރަފާއި ގަދަރު ދެއްވާނެކަން ވެސް ވަނީ ހަނދާކޮށްދީފައެވެ.

 


  • ހުކުރު ދުވަސް
  • ހުކުރު ޚުތުބާ
  • ކޮމެންޓް