މިސަރުކާރުން ވެސް ވެރިކަަމަށް އަރާ ކިޔަނީ އެއްލަވައެއް ކަމަށާއި އެކަމަކު އެލަވަ ކިޔަނީ އެހެން ރާގެއްގައި ކަމުގައި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ޗެނަލް13 ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
އުމަރު ވިދާޅުވީ ބޮޑު ދަރަންޏެއް ބޮލުގައި އަޅައިގެން ވެރިކަން ކުރަން އުނދަގޫ ކަމަށް ސަރުކާރުގެ ވެރިން ދައްކަމުންދާ ބަހަނާއަކީ ކުރީގެ ސަރުކާރުތަކުން ވެސް ދެއްކި ވާހަކަކަމަށެވެ.
"ވެރިކަމަށް އައީ ވެސް އެ ދަރަނި އޮތްކަން އެނގި ތިބެ ނޫންތޯ. އެހެންވީމަ އެދަރަނީގެ ބަހަނާގެ ވާހަކަ ނުދެއްކޭނެ."
މީގެއިތުރުން އަފުގެ ސަރުކާރުން ގައުމަށްވީ އެންމެ ބޮޑު ހިޔާނާތެއްގެ ގޮތުގައި ފާހަގަކުރެއްވީ އިންޑިއާ މިލިޓަރީ އައުޓް ކަމަށެވެ. އަދި މިސަރުކާރަށް ވެރިކަމުގެ މިވީ ދުވަސްތަކުގައި ކުރެވުނުހާ ވެސް ކަމަކީ ކަންކަމުގައި ރައްޔިތުންނަށް ހަގީގަތް އޮޅުވާލާ ދޮގުތަކެއް ހެދުން ކަމަށް ވެސް ވިދާޅުވިއެވެ.
އެގޮތުން ރައްޔިތުންނަށް އެންމެ ބޮޑަށް މި ސަރުކާރުން ހެދި ދޮގުތަކުގެ ތެރޭގައި އިންޑިއާ ސިފައިން މި ގައުމުން ބޭލުމާއި ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުން ހިމެނޭ ކަމަށާއި އެ ދެކަމުން ވެސް ސަރުކާރުން ބޭނުންވާ ނާޖާއިޒު ފައިދާ ނަގާ ފަހުން އެކަން ވެސް އޮޅުވާލީ ކަމަށް އުމަރު ތުހުމަތުކުރެއްވިއެވެ.
މީގެއިތުރުން އިންޑިއާ ސިފައިން ބޭރުކުރަން އައިސް މި ސަރުކާރުން މިހާރު ތިބީ އިންޑިއާގެ އުނގަށް ދުވަހަކުވެސް ދިވެހި ސަރުކާރަކުން ނުވެއްޓޭ މިންވަރަށް ވެއްޓިފައި ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.