ރާއްޖެ އާއި ސޭޝެލްސްގެ ގުޅުން ދެމެހެއްޓެވުމުގެ އަޒުމުގައި ހުންނެވިކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ސޭޝެލްސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެ ގައުމުގެ ރައީސް ވޭވަލް ރާމްކަލާވަން އަށާއި ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވައިފިއެވެ.

 

އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ އެ ގައުމުގައި މިނިވަންދުވަސް އިހުތިފާލުކުރަމުންދާނީ އުފާވެރިކަމާއި އެއްބައިވަންތަކަމާއެކުގައިކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ. އަދި ރާއްޖެ އާއި ސޭޝެލްސްގެ ގުޅުން، ސާބިތުކަންމަތީ ދެމެހެއްޓެވުމުގެ އަޒުމުގައި ދެމިހުންނެވިކަމުގެ ޔަގީންކަންވެސް ވަނީ ދެއްވާފައެވެ.

 

ރައީސް ރާމްކަލާވަން އަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ދެ ގައުމުގެ ޒަމާންވީ ރަހުމަތްތެރި ގުޅުން ފާހަގަކުރައްވައި، އިންޑިޔާ ކަނޑުގެ އަމަންއަމާންކަމާއި ރައްކާތެރިކަމާއި ދެމެހެއްޓެނިވި ތަރައްގީއަށް އެކުގައި ކުރާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

 

މީގެއިތުރުން މިއަދުގެ މުނާސަބަތަކީ ސޭޝެލްސްގައި އެއްބައިވަންތަކަމާއި ކުރިއެރުން އިތުރަށް ފަހިކޮށްދޭ މުނާސަބަތަކަށް ވެގެންދާނޭކަމަށް އުއްމީދުކުރައްވާކަމުގައި ވެސް ވިދާޅުވެފައިވެއެވެ. އަދި ރާއްޖެ އާއި ސޭޝެލްސް އާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރައްވާ މަސައްކަތުގައި ސާބިތުވެ ހުންނެވިކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވާފައިވެއެވެ.

 

 


  • ސީޝެލްސް
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް