ޚަބަރު ރާއްޖެ

އެފްއޭއޯ ކޮންފަރެންސް ތެރެއިން ބޭއްވި ޕެނަލް ޑިސްކްޝަންގައި ޑރ. މާރިޔާ

ފުޑް އެންޑް އެގްރިކަލްޗަރް އޯގަނިޒޭޝަން (އެފްއޯއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ 44 ވަނަ ސެޝަން އޮފް އެފް އޭއޯ ކޮންފަރެންސް ތެރެއިން ބޭއްވި ޕެނަލް ޑިސްކްޝަންގައި އެގްރިކަލްޗަރ މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ބައިވެރިވެވަޑައިނަވައިފިއެވެ.

 

މިއީ ރާއްޖެއާއި ބާބަޑޯސް، ޓްރިނިޑާޑް އެންޑް ޓޮބޭގޯ، އަދި ރުވާންޑާގެ މިނިސްޓަރުންނާއި، ދުނިޔޭގެ ދަނޑުވެރިންގެ ޖަމްއިއްޔާ (ޑަބްލިއު.އެފް.އޯ) ގެ ސެކްރެޓަރީ ޖެނެރަލް ހިމެނޭހެން ބޭއްވި މަޝްވަރާތަކެކެވެ.

 

މި މަޝްވަރާގެ މަގުސަދަކީ ދަނޑުވެރިކަމާއި ކާބޯތަކެތީގެ ނިޒާމުތަކުގައި އުފެއްދުންތެރިކަން އިތުރުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި ޓެކްނޮލޮޖީއާއި އައު އީޖާދުތަކުގެ ޒަރީއާއިން ހުރި ފުރުސަތުތައް ހޯދުމެވެ.

 

ޑރ. މަރްޔަމް މާރިޔާގެ ވާހަކައިގާ ދަނޑުވެރިކަން ކުރިއެރުވުމަށް ރާއްޖެއިން ގެންގުޅޭ އަޒުމު ފާހަގަކުރައްވާފައިވެއެވެ. މިގޮތުން ޕްރެސިޝަން ފާމިންގ، އެމް.ޖީ.އޭ.ޕީ (މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް) ތަމްރީނު، އަދި ދެމެހެއްޓެނިވި ގޮތެއްގައި ވަސީލަތްތައް ބޭނުންކުރުން ހިމެނެއެވެ.

 

މީގެއިތުރުން އެކަމަނާ އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން، ދިވެހިރާއްޖޭގައި ދަނޑުވެރިކަމާއި ކާބޯތަކެތީގެ ދާއިރާ ބަދަލުކުރުމަށް މަގުފަހިކޮށްދޭ މުހިންމު ކަންތައްތަކަށް އަލިއަޅުވާލެއްވިއެވެ. މީގެތެރޭގައި ރަށްރަށުގެ މެދުގައި ލޮޖިސްޓިކްސްއާއި ގުޅުންތައް ހަރުދަނާކުރުމުގެ މުހިންމުކަމާއި، އަތްފޯރާފަށުގައި ފައިނޭންސް ލިބުމުގެ ފުރުސަތުތައް އިތުރުކުރުމާއި ދަނޑުވެރިކަމުގެ ދާއިރާގައި އަންހެނުންނާއި ޒުވާނުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުން ފާހަގަކުރެއްވިއެވެ.

 

 


  • ޑރ. މަރްޔަމް މާރިޔާ
  • އެގްރިކަލްޗަރ މިނިސްޓްރީ
  • ކޮމެންޓް