ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 ފަނޑިޔާރުންނަށް މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ފާސްކޮށްފިއެވެ.
ވެރިކަންކުރާ ޕީއެންސީ އަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު، ކޯޓުތަކުގެ ގާނޫނަށް އިއްޔެ ހުށަހެޅުއްވި އިސްލާހުގެ ބިލަށް މިއަދުގެ ޖަލްސާގައި ވަނީ ބަހުސްކޮށް އިތުރަށް ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.
އެކޮމެޓީން މިއަދު ހަވީރު ބޭއްވި ބައްދަލުވުމަށްފަހު، މިހާރުނިންމާފައިވަނީ އިސްލާހު ފާސްކުރަން ފެންނަ ކަމަށެވެ. އެކަމަކު ކޮމިޓީގައި ބައިވެރިވި ދެ މެންބަރަކު އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވާފައިވެއެވެ.
އަބްދުއްސައްތާރު ހުށަހެޅުއްވި އިސްލާހުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު އެކުލެވިގެން ވާނީ ފަސް ފަނޑިޔާރުންގެ މައްޗަށް ކަމަށާއި އެ މާއްދާ އަށް ބައެއް އަކުރުތައް އިތުރުކުރުމަށް ވެސް ހުށަހަޅުއްވާފައިވެއެވެ.
އޭގެތެރޭގައި ސުޕްރީމް ކޯޓަށް އައްޔަންކޮށްފައިވާ ފަނޑިޔާރަކު ވަކިކުރެވޭނީ އެ މީހަކު ގާބިލްނޫން ކަމަށް ޖޭއެސްސީން ގަބޫލުކޮށް، އެ ފަނޑިޔާރަކު ވަކިކުރުމަށް މަޖިލީހަށް ހުށަހަޅައި، ޖަލްސާއަށް ހާޒިރުވި މެންބަރުންގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓުންކަމަށް ވަނީ ބުނެފައެވެ. އަދި ފަނޑިޔާރުކަމުން ވަކިކުރުމަށް ޖޭއެސްސީން މަޖިލީހަށް ހުށަހަޅާ ނަންތައް މި ގާނޫނަށް ޢަމަލުކުރަން ފަށާތާ ފަސް ދުވަހުގެ ތެރޭ ހުށަހަޅަން ޖެހޭނެ ކަމަށާއި މި މުއްދަތު ގުނާނީ ބަންދު ދުވަސް ހިމަނައިގެން ކަމަށް ވެސް އިސްލާހުގައި ވެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން އަބްދުއްސައްތާރު ހުށަހެޅުއްވީ އެ ކޯޓުގެ ދެ ފަނޑިޔާރެއްގެ މައްސަލަ ސަރުކާރުން އިސްވެ ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމުގެ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. އަދި މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ކަނޑައަޅައި ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ވެސް ކުރިޔަށްދަނިކޮށްނެވެ.