ރާއްޖެ

ޕީއެންސީގެ ބައެއް މެމްބަރުން ވިޕްލައިނާ ހިލާފުވުމުން ރައީސް ހިތްހަމަ ނުޖެހުން ފާޅުކުރައްވައިފި

ސްޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ބަލައިގަންނަން ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ބައިވެރި ނުވި ޕީއެންސީގެ މެމްބަރުންނާމެދު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހިތްހަމަޖެހިވަޑައިނުގަންނަވާކަން ހާމަކުރައްވައިފިއެވެ.

 

ރާއްޖޭގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ އެވޯޓުގައި ބައިވެރިވެވަޑައިނުގެން ޕީއެންސީގެ މެންބަރުން ކުރެއްވީ އެއްވެސް ފަހަރަކު އެއްވެސް މެންބަރަކު ކުރައްވައިގެންވާނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

 

ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 ން 5 އަށް މަދު ކުރުމަށް ހުށަހަޅާފައިވާ ބިލު ބިލު ބަލައިގަތުމަށް ފާސްކުރީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގެ ވޯޓުގަޑީގައި ނެގި ވޯޓުންނެވެ.

 

މިއަދުގެ ޖަލްސާގައި ވޯޓަށް އެހި ވަގުތު 78 މެންބަރުން ހާޟިރުވެ ތިއްބެވިއިރު، މި ބިލި ބަލައިގަތުމަށް ފެންނަކަމަށް 64 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. ނުފެންނަކަމަށް 12 މެންބަރުން ވޯޓުދެއްވިއިރު، ޕީއެންސީގެ 10 މެންބަރުން އެ ބިލުގެ ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވައެވެ.

 

މި ބިލު ބަލައިގަނެ، މިހާރުވަނީ ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވާފައެވެ.

 

މިއީ ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު، މެންބަރުގެ އަމިއްލަ ހައިސިއްޔަތުން ކޯޓުތަކުގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހެކެވެ.

 

އެ ބިލާ ގުޅޭ ގޮތުން ޕީއެންސީގެ މެންބަރުންގެ މެދުގައި ވެސް ނުތަނަވަސްކަން އޮތްއިރު، ލީޑަރޝިޕުން ވަނީ އެ ބިލަށް ތާއީދުކުރުމަށް ނިންމައި، އެ ބިލަށް ވޯޓުދޭން އެ ޕާޓީގެ މަޖިލީސް މެންބަރުންނަށް އަންގައިފައެވެ.

 


ކޮމެންޓް