އެގްރިކަލްޗަރ މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް ދ. އަތޮޅު އުއްދޫ، ލޯކަލް ގަވަރމެންޓް މިނިސްޓްރީ އާއި ހަވާލުކޮށްފިއެވެ.
ދ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެރަށަކީ އާންމުން ދަތުރު ދިއުމަށް ހުޅުވައިލެވިފައިވާކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާއި ގުޅިގެން އުއްދޫ ރަސްމީކޮށް ލޯކަލް ގަވަރމެންޓް މިނިސްޓަރ އާދަމް ޝަރީފް އާއި ހަވާލުކުރެއްވީ އެގްރިކަލްޗަރ މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ އެވެ.
ދ. އުއްދޫއަކީ މީގެ ކުރިން އަމިއްލަ ފަރާތަކުން ވިޔަފާރީގެއުސޫލުން ބޭނުންކުރައްވައި، އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ސަރުކާރަށް އަނބުރާ ލިބިފައިވާ ރަށެކެވެ. ދ. އުއްދޫ މިހާރު ހަވާލުކުރައްވާފައި ވަނީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާއާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެރަށް ބަލަހައްޓަވާނީ އެ ވުޒާރާއިން ކަމަށާއި އުއްދޫއަށް ދަތުރުގޮސް އުޅުމުގެ ކަންކަންވެސް އެ ވުޒާރާގެ ތެރެއިން ފަހިވެގެން ދާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. މިކަމާއިގުޅުން ހުރި ތަފްސީލުތައް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން، ކުރިއަށް އޮތް ދުވަސްތަކުގައި އިއުލާންކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.