ސްޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ބަލައިގަންނަން ނިންމައިފިއެވެ.
ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 ން 5 އަށް މަދު ކުރުމަށް ހުށަހަޅާފައިވާ ބިލު ބިލު ބަލައިގަތުމަށް ފާސްކުރީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގެ ވޯޓުގަޑީގައި ނެގި ވޯޓުންނެވެ.
މިއަދުގެ ޖަލްސާގައި ވޯޓަށް އެހި ވަގުތު 78 މެންބަރުން ހާޟިރުވެ ތިއްބެވިއިރު، މި ބިލި ބަލައިގަތުމަށް ފެންނަކަމަށް 64 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. ނުފެންނަކަމަށް ވޯޓުދެއްވީ 12 މެންބަރުންނެވެ.
އެހެންކަމުން މި ބިލު ބަލައިގަނެ، ޖަލްސާ ރިޔާސަތުން ނިންމަވައިލެއްވީ އެ މައްސަލަ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވިއްޖެކަން އިއުލާނުކުރައްވަމުންނެވެ.
މިއީ ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު، މެންބަރުގެ އަމިއްލަ ހައިސިއްޔަތުން ކޯޓުތަކުގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހެކެވެ.