2025 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިން ދ. ރިނބުދޫގައި 500 މީހުންގެ ޖާގައިގެ އައު މިސްކިތެއް އެޅުމުގެ މަސައްކަތް އެންމެ ލަސްވެގެން ޖުލައި މަހުގެ ތެރޭގައި ފައްޓަވާނެ ކަމުގެ ޔަގީންކަން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ މާތްވެގެންވާ އިސްލާމް ދީންމަތީ ފައިތިލަ ސާބިތުކޮށްގެން ތިބި ފަޚްރުވެރި މުސްލިމުން ކަމުގައި އަޅުގަނޑުމެން ދިވެހިން ވާ ހިނދު، ރަށްރަށުގައި އަބަދުވެސް ރަނގަޅު ފެންވަރުގެ މިސްކިތްތައް އެޅިފައި ހުންނަންޖެހޭނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.
"މި ރަށުގައި ހުރި މިސްކިތްވެސް މިއީ 1992 ވަނަ އަހަރު އަޅާފައި ހުރި މިސްކިތެއް ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި. އެހާ ދުވަސް ވީ އިރުގައިވެސް ރަށުގައި މި ހުރީ އިތުރު މިސްކިތެއް ނޭޅި."
މީގެއިތުރުން ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައަށް ވެސް ވަރަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ އުންމީދު ދެއްވާ، ސްކޫލަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމުގެ މައްސަލައަށް، ދާއިމީ ރަނގަޅު ހައްލެއް އައުމަކީ ރަށުގެ ރައްޔިތުންނާއި، ސްކޫލް ދަރިވަރުންނާއި، ބެލެނިވެރިންނާއި، ޓީޗަރުންނަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި، މިހާރު ކުރިއަށްދާ އިދާރީ-ފަންނީ މަސައްކަތްތައް ފުރިހަމަކުރައްވައި، 6 ކުލާސްރޫމް ހިމެނޭ ގޮތަށް، ކޮމްޕިއުޓަރ ލެބާއި ލައިބްރަރީ ފަދަ ތަންތަން ވެސް ހިމެނޭ ގޮތަށް، ސްކޫލުގެ އުމްރާނީ ތަރައްގީގެ މަޝްރޫއެއް އެންމެ ލަސްވެގެން މި އަހަރުގެ މެއި މަހުގެ ތެރޭގައި ފައްޓަވައިދެއްވާނެ ކަމަށެވެ.
ހަމަމިއާއެކު ސިއްހީ މަރުކަޒަށް އިޝާރާތްކުރައްވާ ވަނީ މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދަވާ މަޝްރޫއެއްގެ ގޮތުގައި އެ މަރުކަޒުގެ ޖާގައާއި ވަސީލަތްތަކާއި މުވައްޒަފުން ހަމަކޮށްދެއްވުމުގެ މަޝްރޫއެއް ހިންގަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.