ހޯމް މިނިސްޓަރ ޢަލީ އިހްސާންގެ އިތުބާރު ނެތް ކަމުގެ އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގާ އެ ޕާޓީއަށް ނާކާމިޔާބު ވެއްޖެއެވެ.
އެމްޑީޕީން މިދިޔަ މަހުގެ 18 ވަނަ ދުވަހު، އެ މައްސަލަ ހުށަހެޅީ މިނިސްޓަރަކު ކުރައްވައިގެން ނުވާނެ ކަންތައްތަކެއް ކުރައްވާ، ގާނޫނާއި ހިލާފުވެވަޑައިގެންނެވި ކަމަށް ބުނެއެވެ. އަދި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް އިމިގްރޭޝަނުން ބޭނުން ކުރުމަށް ރާއްޖޭގެ ކުންފުންޏަކުން އޮންލައިން އެކްސްޕެޓް ސިސްޓަމެއް ގާއިމު ކޮށްފައިވަނިކޮށް، އެކަން ހުއްޓުވުމާއި ބްލެކްލިސްޓް ވެފައިވާ މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާ ބޮޑު އަގުގައި ހަވާލުކުރި ކަމުގެ ތުހުމަތު ވެސް ވަނީ ކޮށްފައެވެ.
މީގެއިތުރުން ފުލުހުން ކުރާ ތަހްގީގުތަކަށް އިހުސާން ސިޔާސީ ނުފޫޒު ފޯރުވައި ސަރުކާރުން ހިންގާ ޖިނާއީ ކުށުގެ ޢަމަލުތައް ތަހުގީގު ކުރަން ހުރަސް އަޅާ ކަމުގެ ތުހުމަތު ވެސް ކޮށްފައިވެއެވެ. އަދި ޑީއެންއާރުގައި ރައްކާކޮށްފައިވާ އާންމުންގެ ޒާތީ މައުލޫމާތު ބޭނުންކޮށް އާންމުންނަށް ނޭނގި ޕީއެންސީއަށް މެންބަރުން އިތުރުކުރި މައްސަލަ ވެސް ހިމެނެއެވެ.
ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ހުށަހެޅުއްވި މި މައްސަލައާއި ގުޅިގެން މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން އެންގުމުން އިތުބާރު ނެތްކަމަށް ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. އިތުބާރު ނެތްކަމަށް ފާސްކުރަން ނުފެންނަކަމަށް 64 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.