ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޛުކުރަމުންދާ ގައިދީންނާއި އާއިލާތަކަށް ހާއްސަ ހަފްލާއެއް ބާއްވައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ބޭއްވި މި ހަފްލާގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ހުޅުމާލެ ޖަލުގެ ޑައިރެކްޓަރ ޑެޕިއުޓީ ސުޕްރިންޓެންޑަންޓް އޮފް ޕްރިޒަންސް އަޙްމަދު ޖާދުﷲ، ހެޑް އޮފީހުގެ ސީނިއަރ އޮފިސަރުންނާއި މުވައްޒަފުން އަދި ހުޅުމާލެ ޖަލުގެ ބައެއް އޮފިސަރުންނާއި މުވައްޒަފުން ވެސް ބައިވެރިވިއެވެ.
އަންނަ ރޯދަމަހާ ގުޅުވައިގެން ބޭއްވި މި ހާއްސަ ހަފްލާގައި ގައިދީންނާއި އާއިލާތަކުން ވަނީ އެކުގައި އަގުހުރި ވަގުތު ހޭދަކޮށްފައެވެ. އަދި މި ފުރުސަތު ލިބުމުން އުފާ ފާޅުކޮށްފައިވެއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވީ ޖަލުގައި ބަންދުކުރެވިފައިވާ ގައިދީންނަށް ގާނޫނާއި ގަވާއިދުގެ ތެރެއިން އެފަރާތްތަކަށް ދެވެން އޮންނަ ލުއިތައް ދިނުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ދާކަމަށެވެ. އަދި އެފަރާތްތަކާއި އާއިލާތަކާ އޮންނަ ގުޅުން ބަދަހިކުރުމަށް ބާރުއަޅުއްވާ ކަމަށެވެ.
މީގެއިތުރުން ގައިދީން ރިހެބިލިޓޭޓްކުރުމަށް އެ ސަރވިސް އިން ކިޔަވައިދޭ އެއްޗެއްސާއި ނަގައިދޭ ފިލާވަޅުތަކާއެކު، އާއިލާއިން ގައިދީންނާ ބައްދަލުކޮށް، ގުޅުން ބަދަހިކުރުން މުހިއްމުކަމަށް ވެސް ވިދާޅުވިއެވެ.
މިއީ ގައިދީންގެ ރިހެބިލިޓޭޝަނަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ބާރުއެޅުމުގެ ގޮތުން ހުޅުމާލޭ ޖަލުން އިސްނަގައިގެން ހިންގި ހަރަކާތެކެވެ. އަދި މި ހަރަކާތުގެ ކާމިޔާބީއަށް ބަލައި، މިފަދަ އިތުރު ހަރަކާތްތައް މުސްތަގްބަލުގައި ހިންގުމަށް ރާވާފައިވެއެވެ.