ގޯތިތެރޭގައި އަމިއްލައަށް ކާބޯތަކެތި ހެއްދުމުން، މުޅި އާއިލާއަށް ފައިދާހުރި، ތާޒާ ކާނާ ލިބުމާއިއެކު، ބާޒާރުން ގަންނަ ތަކެއްޗަށް ބަރޯސާވާ މިންވަރު ކުޑަކުރެވޭނެކަމަށް ވަޒީރު ޑރ. މަރްޔަމް މާޒިޔާ ވިދާޅުވެއްޖެއެވެ.
އެކަމަނާ ވިދާޅުވީ ގޯތިތެރޭގައި ކާބޯތަކެތި ހައްދާފައި ހުންނަ މަންޒަރުވަރަށް ގިނައިން ފެންނަކަމަށާއި އެއީ އުފާކުރާކަމެއްކަމަށެވެ. އަދި ގޭގައި އަމިއްލައަށް އުފައްދާ ކާބޯތަކެތީގެ ފައިދާތައް ވަރަށް ގިނަކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން ގޯތިތެރޭގައި އަމިއްލައަށް ކާބޯތަކެތި ހެއްދުމުން ކާނާގެ ފައިދާއާއި ގުދުރަތީ ވެއްޓާއި އަހަރެމެން ގުޅުވާލަދޭކަން ފާހަގަކުރައްވާ، ދެމެހެއްޓެނިވި ގޮތްތައް ކުރިއަރުވައި، ކިތަންމެ ކުޑަ ޖާގައެއް ނަމަވެސް ބޭނުންކުރެވޭކަން ވެސް ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ އަމިއްލައަށް ކާނާ އުފައްދާ އަންހެނުން އެމީހުންގެ ގޭބިސީތަކާއި މުޖުތަމައުގައި މުހިންމު ދައުރެއް އަދާކުރާކަމަށެވެ. އެގޮތުން އެމީހުން މައުލޫމާތު ހިއްސާކޮށް، އެހެން މީހުންނަށް ވެސް މިކަން ކުރުމަށް ހިތްވަރުދޭ ކަމަށް ވިދާޅުވިއެވެ.
ހަމަމިއާއެކު އެމީހުންގެ މަސައްކަތުން ފައިދާ ކުރަނީ އެމީހުންގެ އަމިއްލަ ދުޅަހެޔޮކަމަށް އެކަނި ނޫން ކަމަށާއި، އަމިއްލައަށް ފުދުންތެރި އަދި ދެމިހުންނަނިވި މުސްތަގްބަލަކަށް ވެސް މިކަމުގެ އަސަރު ދެމިހުންނަކަމަށް ވިދާޅުވިއެވެ.