ރާއްޖެ

ރިނބުދޫގެ ތަރައްގީއަށް ބޭނުންވާ ކަންކަން ރައީސް އަށް ދަންނަވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރިނބުދޫ ކައުންސިލާއި އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކޮށްލައްވައި ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

 

ރިނބުދޫ ސްކޫލުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރައްޔިތުން އެންމެ އެދޭކަންކަން ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރައްވާފައެވެ. މިގޮތުން ސުކޫލާއި، ސިއްހީ މަރުކަޒާއި މިސްކިތުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް ދެންނެވިއެވެ. އަދި ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށާއި، ރަށްގިރުމުގެ މައްސަލައަށް ހައްލެއް ބޭނުންވާކަމުގައި ފާހަގަކުރައްވާފައެވެ.

 

މީގެއިތުރުން ރަށުގެ ޒުވާނުން ސްޕޯޓްސް ފިޝިންގ އަށް ޝައުގުވެރިކަން ހުންނަކަން ފާހަގަކުރައްވާ، ސްޕޯޓްސް ކަނދުފައްޗެއް ރަށް ކައިރީގައި ގާއިމުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ވަނީ ބަޖެޓުގެ ދަތިކަން ހުރުމުން މަސައްކަތްތައް ކުރިއަށްގެންދިއުމަށް ގޮންޖެހުންތަކެއް ކުރިމަތިވާކަން ފާހަގަކުރައްވާފައެވެ.

 

ރައީސް ވަނީ މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ވަޒީރުންނާއި، ބައެއް ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލުހޯއްދެވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ އަދާހަމަ ހިއްސާކުރައްވާފައެވެ. އަދި އ.ތ.މ ކޮމިޓީއަށް ދިމާވެފައިވާ ބަޖެޓުގެ ދަތިކަން ހައްލުކޮށްދެއްވުމަށް ކުރެއްވޭނެކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. 

 

 

ކޮމެންޓް