ރާއްޖެ

މާލެ ސިޓީ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރުން މި މަހު 27 ގަ

މާލެ ސިޓީ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރުން މި މަހު 27 ގައި ބޭއްވުމަށް ނިންމައިފިއެވެ.

 

އެ ކައުންސިލުން ވިދާޅުވީ މިއީ ކައުންސިލްތަކުން ބާއްވަން ގާނޫނުގައި ބަޔާންކޮށްފައިވާ ރައްޔިތުގެ ބައްދަލުވުމުގެ ތެރެއިން މި އަހަރުގެ ބާއްވާ ފުރަތަމަ ބައްދަލުވުން ކަމަށެވެ. އަދި މި ބައްދަލުކުރުން އޮންނާނީ ލޮނުޒިޔާރަތް ޕާކުގައި 27 ވާ ބްރާސްފަތި ދުވަހުގެ ރޭ 8:15 ގައި ކަމަށެވެ.

 

މި ބައްދަލުވުން ބިނާކޮށްފައިވަނީ މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ލާބަޔާއި މަންފާއާއި ފަސޭހައަށްޓަކައި، ވޭތުވެދިޔަ 2024 ވަނަ އަހަރު މާލެ ސިޓީން ކުރި ބުރަ މަސައްކަތުގެ މައްޗަށް ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވެއެވެ. އަދި މިއަހަރު ކުރުމަށް ރާވާފައިވާ މަސައްކަތްތަކާއި ގުޅޭ ގޮތުން ތައްޔާރު ކޮށްފައިވާ ވީޑިއޯ ދެއްކުން ވެސް އޮންނާނެކަމަށް ވަނީ ހާމަކުރައްވާފައެވެ.

 

މާލެ ސިޓީއަކީ ރާއްޖޭގެ އާބާދީގެ ގާތްގަޑަކަށް ތިން ބައިކުޅައެއްބައި މީހުންނަށް ތަފާތު ހިދުމަތްތައް ފޯރު ކޮށްދިނުން، ގާނޫނުން ލާޒިމްކޮށްފައިވާ މުއައްސަސާއެކެވެ. އަދި މި މުއައްސަސާއިން ކުރަމުންދާ ގޮންޖެހުން ބޮޑު، މި ބުރަ މަސައްކަތް، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އެންމެ ގާތުން ހޯދައިގެން ކުރުމަކީ މާލެ ސިޓީ ކައުންސިލްގެ މައިގަނޑު އެއް އަމާޒެވެ.

 

މި ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވާހަކަ ދެއްކުމަށް ހަމަޖެހިފައިވާއިރު، ރައްޔިތުންގެ ހިޔާލު ހޯދަން ވެސް ކުރިޔަށް ދާނެއެވެ. ރައްޔިތުންގެ ހިޔާލަށް ހުޅުވާލުމުން މާލެ ސިޓީން ދެމުންދާ ޚިދުމަތްތައް ރަނގަޅުކުރުމަށް ޚިޔާލު ހުށަހެޅުމަކީ މާލެ ސިޓީގެ ވަރަށް ބޮޑު އެދުމެކެވެ.


ކޮމެންޓް