ރާއްޖެ

ދައުލަތުގެ މުއައްސަސާއެއްގެ ތެރޭގައި ސިޔާސީ މަސައްކަތް ކުރުން ރަނގަޅެއް ނޫން: އިހްސާން

ރައްޔިތުންގެ އިތުބާރު ލިބިފައިވާ ދައުލަތުގެ މުއައްސަސާއެއްގެ ތެރޭގައި ސިޔާސީ މަސައްކަތް ކޮށްގެންވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ހޯމް މިނިސްޓަރ ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ.

 

މިނިސްޓަރު މިފަދައިން ވިދާޅުވީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގާ ޖަވާބުދާރީވަމުންނެވެ.

 

މިއީ މިނިސްޓަރަކު ކުރައްވައިގެން ނުވާނެ ކަންތައްތަކެއް ކުރައްވާ، ގާނޫނާއި ހިލާފުވެވަޑައިގެންނެވި ކަމަށް ބުނެ، މިނިސްޓަރުގެ އިތުބާރު ނެތްކަމަށް ބުނެ އެމްޑީޕީން ހުށަހެޅި މައްސަލައެކެވެ. އެޕާޓީގެ 12 މެންބަރުންގެ ސޮޔާއެކު މި މައްސަލަ ހުށަހެޅި މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ.

 

މި މައްސަލައިގާ ޖަވާބުދާރީވަމުން މިނިސްޓަރު ވިދާޅުވީ ކޮންމެ މިނިސްޓަރަކު ވެސް ވަކި އަދަދަކަށް ފޯމު ހުށަހަޅަން އެންގުމުން އެ މަސައްކަތް ހަވާލުކުރީ ހޯމް މިނިސްޓްރީގައި ތިއްބަވާ ސިޔާސީ މުވައްޒަފުންނާ ކަމަށެވެ. އަދި އެ މަސައްކަތް ކުރީ ޑީއެންއާރު ހުންނަ ފަންގިފިލާގައި ހުރި މީޓިންގ ރޫމެއްގައި ކަމަށެވެ.

 

މިނިސްޓަރު އިގްސާން ވިދާޅުވީ އެއީ ގާނޫނީ ކުށެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެކަމަކު ދައުލަތުގެ މުއައްސަސާއެއްގެ ތެރޭގައި ސިޔާސީ މަސައްކަތް ކޮށްގެންވާނެ ކަމަށް ގަބޫލެއް ނުކުރައްވާ ކަމަށެވެ. އަދި މީގެފަހުން އެ ފަދަ ކަމެއް ނުކުރަން އަންގާފައިވާނެ ކަމަށެވެ.

 

"ޑީއެންއާރުގައި ހުންނަ މައުލޫމާތަށް އެކްސެސްވާން އެ އޮފީހަށް ދާކަށް ނުޖެހޭނެ. އެހެންވެ، އެ ތަނުގައި ފޯމު ވަގު ފޯމު ފުރަންޖެހޭ ސަބަބެއް ވެސް ނެތް."

 

ހޯމް މިނިސްޓަރު އިތުރަށް ވިދާޅުވީ އެތަނުގައި ކުރިއަށްދިޔައީ ފޯމުތައް ފުރައިގެން އަންނައިރުގައި ވިޓްނަސްގެ ބައި ފިލްނުކޮށް ހުންނާތީ، އެބައިގާ ފިންގަރޕްރިންޓް ޖެހުމާއި ސޮއިކުރުމުގެ ކަންކަން ކަމަށެވެ.

 

ޑީއެންއާރުގައި ހުރި އޮފީހެއް ތެރޭ ޕީއެންސީއަށް ފޯމު ފުރާ މައްސަލައާ ގުޅިގެން އެ ތަނުގައި މިނިސްޓަރު އިހުސާން ވެސް ހުންނަވާތަން ފެންނަ ފޮޓޯތަކެއް މީސްމީޑިއާގައި ވަނީ ލީކުކޮށްލާފައެވެ. އެކަމާއިގުޅިގެން މިނިސްޓަރު މީގެކުރިން ވެސް އަދި މިއަދު ވެސް ވިދާޅުވީ އެ ތަނަށް ވަޑައިގަތީ ޕިއްޒާ ކާން ކަމަށެވެ. 

 

 

ކޮމެންޓް