އެއްވެސް ފަރާތަކުން، ރައްޔިތުންނަށް ދަތިކުރުމުގެ ފުރުސަތު މި ސަރުކާރަކުން ނުދެއްވާނޭކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ދ. އަތޮޅަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު މީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) ގެ އެސެންޝަލް މެޑިސިން ލިސްޓުގައި ހުރި ހުރިހާ ބޭހެއް އަންނަ މާރިޗު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެސްޓީއޯ ބޭސްފިހާރަތަކުން ލިބޭނެ ކަމަށެވެ. އަދި އެޕްރޫވްޑް މެޑިސިން ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް ވެސް އެޕްރިލް 15 ވަނަ ދުވަހުން ފެށިގެން އެސް.ޓީ.އޯ ގެ ބޭސްފިހާރަތައް މެދުވެރިކޮށް ލިބޭނޭކަމަށެވެ.
މީގެއިތުރުން ރައީސް ވަނީ ފާމަސީތަކުން އެތައް ގުނައެއް އިތުރަށް ފައިދާ ޖައްސައިގެން ބޭހުގެ ވިޔަފާރިކުރިކުރުން ނިމުމަކަށް ގެނެވިފައިވާކަމަށް ވިދާޅުވެފައެވެ. އަދި މިފަހަކަށް އައިސް ކުރިމަތިވި ބޭހުގެ ދަތިކަމަކީ، ސީދާ މި ކަމުގެ ސަބަބުން ކުރިމަތިކުރުވި ދަތިކަމެއް ކަމުގައި ވެސް ވިދާޅުވިއެވެ.