މަސްވެރިންނަށް ވެސް ރޯދަ އިނާޔަތް ދިނުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ ދ. އަތޮޅަށް ކުރަސްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން އެ އަތޮޅު މީދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތްކުރައްވަމުން ދަނީ މަސްވެރިންނަށް ވެސް ރޯދަ އިނާޔަތް ލިބޭނެ އިންތިޒާމް ހަމަޖައްސަވަންކަމަށެވެ. އެހެންނަމަވެސް މި އިނާޔަތް ދިނުމުގެ ކަންކަން ކުރައްވާނެގޮތެއް ހާމައެއް ނުކުރައްވައެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވާއިރު، ރިޔާސީ ވައުދާއި އެއްގޮތަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް ރޯދަ އިނާޔަތް ލިބޭނޭ އިންތިޒާމު މިހާރުވަނީ ހަމަޖައްސާފައެވެ. ޑަބްލިއުޑީސީގެ މެމްބަރުންނަށް ރަމަޟާން މަހުގެ އިނާޔަތް ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ ވޯޓާއެކުގައެވެ.
އެހެންކަމުން މިއަހަރުގެ ރަމަޟާން މަހުން ފެށިގެން ޑަބްލިއުޑީސީގެ މެންބަރުންނަށް ރަމަޟާން މަހުގެ އިނާޔަތް ލިބޭނެއެވެ.