ރާއްޖެ

އިންސާނީ ހައްގުތައް ކުރިއަރުވައި، ހިމާޔަތްކުރުމަށް ކުރާ މަސައްކަތުގައި ރާއްޖެ ސާބިތުވާނެ

އިންސާނީ ހައްގުތައް ކުރިއަރުވައި، ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތުގައި ސާބިތުކަމާއެކު ރާއްޖެއިން ކުރިއަށްދާނެކަމުގެ ޔަގީންކަން ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް ދެއްވައިފިއެވެ.

 

މި ޔަގީންކަން އެމަނިކުފާނު ދެއްވީ ސްވިޓްޒަލެންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 58 ވަނަ ސެޝަންގެ ހައިލެވެލް ސެގްމަންޓްގައި ތަގްރީރުކުރައްވަމުންނެވެ.

 

މިނިސްޓަރު ވަނީ ރާއްޖެއިން އެއްބަސްވެފައިވާ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާތަކާއި އެންމެހައި، ރައްޔިތުންގެ އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައި މި ސަރުކާރުން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ މެންބަރު ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ، ވަނީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ކައުންސިލުގެ މަސައްކަތުގައި ބައިވެރިވުމަށް މަގުފަހިކުރުމަށްޓަކައި ވޮލަންޓްރީ ޓްރަސްޓް ފަންޑެއް ގާއިމުކުރުމާއި ސާފުތާހިރު، ދުޅަހެޔޮ، ދެމެހެއްޓެނިވި ތިމާވެށްޓަކީ އިންސާނީ ހައްގެއްކަން ދުނިޔޭގެ ފެންވަރުގައި ބަލައިގަތުމަށް ރާއްޖެއިން އަދާކޮށްފައިވާ އިސްދައުރު ފާހަގަކުރެއްވިއެވެ.

 

އެމަނިކުފާނުގެ ތަގްރީރުގައި އިންސާނީ ހައްގުތައް ކުރިއެރުވުމަށާއި ހިމާޔަތްކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި މިންތީގެ ހަމަހަމަކަމާއި އެކަށީގެންވާ ބޯހިޔާވަހިކަމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައުގައި ބައިވެރިކުރުން އިތުރުކުރުމަށް ދޭ އަހަންމިއްޔަތުކަން ފާހަގަކުރެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓާއި އެވެށީގައި ދިރިއުޅޭ ފަރާތްތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުން ފަދަ އިޖުތިމާއީ ކަންކަމަށް ސަރުކާރުން ދޭ އަހަންމިއްޔަތުގެ މައްޗަށް ވެސް ވާހަކަދެއްކެވިއެވެ.

 

މީގެއިތުރުން ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ދީފައިވާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކާއި ގެއްލިފައިވާ ފުރާނަތަކުގެ މައްޗަށް ވެސް ވާހަކަދައްކަވާ، ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ފަލަސްތީނާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވިއެވެ.

 

އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 58 ވަނަ ސެޝަން ކުރިއަށް ދަނީ ފެބްރުއަރީ 4 ން އޭޕްރީލް 4 ވަނަ ދުވަހުގެ ނިޔަލަށް ސްވިޓްޒަލޭންޑްގެ ޖެނީވާގައެވެ. ރާއްޖެއަކީ 2023 އިން 2025 ވަނަ އަހަރުގެ ނިޔަލަށް އ.ދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ މެމްބަރު ގައުމެކެވެ.

 

 

ކޮމެންޓް