ރާއްޖެ

ހޯމް މިނިސްޓަރ އިހްސާންގެ އިތުބާރު ނެތް މައްސަލަ މާދަމާ

ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ މާދަމާގެ ޖަލްސާއަށް ތާވަލުކޮށްފިއެވެ.

 

މިއީ މިނިސްޓަރަކު ކުރައްވައިގެން ނުވާނެ ކަންތައްތަކެއް ކުރައްވާ، ގާނޫނާއި ހިލާފުވެވަޑައިގެންނެވި ކަމަށް ބުނެ، އެމްޑީޕީން ހުށަހެޅި މައްސަލައެކެވެ. މި މައްސަލަ ހުށަހެޅި މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ.

 

އެމްޑީޕީން ހުށަހަޅާފައިވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް އިމިގްރޭޝަނުން ބޭނުން ކުރުމަށް ރާއްޖޭގެ ކުންފުންޏަކުން އޮންލައިން އެކްސްޕެޓް ސިސްޓަމެއް ގާއިމު ކޮށްފައިވަނިކޮށް، އެކަން ހުއްޓުވުމެވެ. އަދި ބްލެކްލިސްޓް ވެފައިވާ މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާ ބޮޑު އަގުގައި ހަވާލުކުރި ކަމުގެ ތުހުމަތެވެ.

 

މީގެއިތުރުން ފުލުހުން ކުރާ ތަހްގީގުތަކަށް އިހުސާން ސިޔާސީ ނުފޫޒު ފޯރުވައި ސަރުކާރުން ހިންގާ ޖިނާއީ ކުށުގެ ޢަމަލުތައް ތަހުގީގު ކުރަން ހުރަސް އަޅާ ކަމުގެ ތުހުމަތު ވެސް ވަނީ ކޮށްފައެވެ. އަދި ޑީއެންއާރުގައި ރައްކާކޮށްފައިވާ އާންމުންގެ ޒާތީ މައުލޫމާތު ބޭނުންކޮށް އާންމުންނަށް ނޭނގި ޕީއެންސީއަށް މެންބަރުން އިތުރުކުރި މައްސަލަ ވެސް ހިމެނެއެވެ.

 

މި މައްސަލައިގައި މިނިސްޓަރު އިހުސާން ޖަވާބުދާރީވާން ގަޑިއިރެއް ދޭން ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ނިންމާފައެވެ. 


ކޮމެންޓް