މި ސަރުކާރުން ދ. ބަނޑިދޫގެ ތަރައްގީއަށް ސަމާލުކަން ދޭނެކަމުގެ ޔަގީންކަން އެރަށުގެ ރައްޔިތުންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ދ. އަތޮޅަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ރައްޔިތުންގެ އުންމީދުތަކާއި ބޭނުންވާ ކަންކަން ސާފުވެފައިވާ ކަމަށެވެ. އަދި ރައްޔިތުންނާއެކު ވަގުތު ހޭދަކުރައްވަނީ ވެސް ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުވުމަށްކަމަށެވެ.
މީގެއިތުރުން ރައްޔިތުން ގާތަށް ވަޑައިގަތުމަކީ އެމަނިކުފާނަށް ވަރަށް ބޮޑު އުފަލެއް ލިބިވަޑައިގަންނަވާކަމެއް ކަމަށާއި ސަރުކާރުގެ ފަލްސަފާއަކީ ވެސް ރައްޔިތުންގެ އަޑުއަހައި ކަންކަން ކޮށްދިނުންކަމަށް ވިދާޅުވިއެވެ.
ހާއްސަކޮށް މަސްވެރިކަން ކުރިއަރުވަން އެއްބާރުލުން ދެއްވާނެކަމަށާއި އެރަށުގައި ބިންގާ އެޅި އައިސްޕްލާންޓަކީ މަސްވެރިކަމުގެ ސިނާއަތުގެ ފަރާތްތަކަށް ނަފާ ލިބޭނެކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި އެމަސައްކަތް ބާރު ދުވެލީގައި ކުރިއަށްގެންގޮސް ނިންމަވާނެކަމަށް ވެސް ވިދާޅުވިއެވެ.
"ބަނޑިދޫގެ ރައްޔިތުން އެންމެ ބޮޑަށް އެދެނީ ފަޅުތެރެއިން ޖާގަ އެންމެ ބޮޑަށް ލިބޭ މިންވަރަށް ބިން ހިއްކުމަށް. ފައިބަރުގެ މަސައްކަތްފަދަ ކަންކަންވެސް އެ ސަރަހައްދަށް ބަދަލުކުރަން."
އެހެންކަމުން އެމަނިކުފާނު ވަނީ ރައްޔިތުން އެދޭ އެދުމަށް ފުރިހަމަ އިޖާބަ ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން ކައުންސިލުން ރައްޔިތުންގެ މަޝްވަރާ ހޯދައިގެން ކައުންސިލުން މިހާރުގެ ބިން ބޭނުންކުރެވޭނެގޮތް ހޯދައި ތަރުތީބުކުރެވޭނެގޮތް މުރާޖައާކުރުމަށް ރައީސް އެދިވަޑައިގަތެވެ. އަދި އެންމެ ލަސްވެގެން އަންނަ އަހަރު އެރަށުގެ ބިން ހިއްކާނެކަމަށް ވެސް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބިން ހިއްކުމާއެކު ރަށްގިރާ މައްސަލަ ވެސް ހައްލު ގެނެސްދެއްވާނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.