އަމިއްލަ މާދަރީ ބަހުން ވާހަކަ ދެއްކުމަކީ ދަރިންގެ ތަރުބިއްޔަތަށް އޭގެ ހެޔޮ އަސަރުކުރާނެ ކަމެއް ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މާފަނު މަދަރުސާގެ ދަރިވަރުން ދަސްވެނިވުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އަމިއްލަ މާދަރީ ބަހުން ވާހަކަ ދެއްކުމަކީ ދަރިންގެ ތަރުބިއްޔަތަށް އޭގެ ހެޔޮ އަސަރުކުރާނެ ކަމަށެވެ. އަދި އެމީހަކު ދަންނަ ބަހަކުން އެއެއްޗެއް ބުނުމުން އޭގެ އަސަރު ކުރާނީ އެ މީހާގެ ސިކުނޑިއަށް ކަމަށެވެ.
ނެލްސަން މަންޑޭލާ ވިދާޅުވެފައިވާ ބަސްތަކަކަށް އިޝާރާތްކުރައްވާ މޭޔަރު ވިދާޅުވީ އެމީހަކު ދަންނަ ބޭރު ބަހަކުން އެއެއްޗެއް ބުނުމުން އޭގެ އަސަރު ކުރާނީ އެ މީހާގެ ސިކުނޑިއަށް ކަމަށެވެ. އެހެންނަމަވެސް އެމީހެއްގެ އަމިއްލަ މާދަރީ ބަހުން އެއްޗެއް ބުނުމުން އޭގެ އަސަރު އެމީހެއްގެ ހިތަށް ކުރާނެ ކަަމަށް މަންޑޭލާ ވިދާޅުވެފއިވާކަން މޭޔަރު ހަނދާންކޮށްދެއްވިއެވެ.
"މިއިން އެނގެނީ ސިކުޑިއަށް މައުލޫމާތު އެނގުނު ނަމަވެސް، ޖަޒުބާތު އުފައްދާނީ ހިތުންކަން. އެހެންކަމުން ކުދިންނަށް ދޭ ނަސޭހަތާއި އިރުޝާދު އަމިއްލަ މާދަރީ ބަހުން ދިނުމުން އަސަރުކުރާމިންވަރު އިތުރުވެ، ޖަޒުބާތު އުފެދޭނެ."
މޭޔަރު ވިދާޅުވީ މިއަދު ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހި ދަރިވަރުން ދިވެހި ބަހަށް ފަރިތަ ނުވެ، ދިވެހި ބަހާ ދުރުވުން ކަމަށެވެ. އަދި މިކަންކަން ހައްލު ކުރުމަށް ދަރިން ސްކޫލުގައި ދިވެހި ބަހުން މުއާސަލާތުކޮށް މުއާމަލާތު ކުރާ މިންވަރު އިތުރުކުރަން ޖެހޭކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ދިވެހި އެއީ މާއްދާއެއް ގޮތަށް އެކަނި ކިޔަވަދީގެން މިއަދު ޒުވާން ޖީލު ގައުމާ ހަވާލުވާއިރު ބަސްއޮންނާނީ ވަޅުޖެހިފައި ކަމަށާއި މިއަދުގެ ހަގީގަތަކީ ގޭގެ އިންނަ މަންމަ ވެސް، ދަރިފުޅަން ކާންދޭ ގަޑީގައި ދަރިފުޅާ ވޯޓަރ ކޮޅެއް ބޯލާށޭ ބުނުން ކަމަށެވެ.
އާޒިމް ވިދާޅުވީ ކިތަންމެ ފުރިހަމަ ކިތަންމެ ބޮޑު އިމާރާތެއް ނަމަވެސް އެ އިމާރާތް ގިނަ ދުވަހަށް ދެމި ހުރުން ބިނާވާނީ، އަޅާ ފައުންޑޭޝަން ވަރުގަދަ ވެގެން ކަމަށެވެ. މި ހަމައިން ވިސްނާއިރު ދަރިންގެ ތައުލީމާއި ތަރުބިއްޔަތުގެ ފައުންޑޭޝަނަކީ ޕްރީ ސްކޫލް މަރުހަލާކަން ފާހަގަކުރައްވާ، މާލެ ސިޓީ މޭޔަރު ވަނީ ތައުލީމާއި ތަރުބިއްޔަތުގެ ހަރުދަނާ ބިންގަލެއް ތުއްތު ދަރިވަރުންނަށް އަޅައިދިނުމަށް އެންމެހާ ބެލެނިވެރިންގެ ކިބައިން އިލްތިމާސް ކުރައްވާފައެވެ.