ރާއްޖެ

ގާނޫނު ބަދަލުކޮށްގެން ނޫނީ މުސާރައިގެ 10 އިންސައްތަ ކުޑަކުރެވޭކަށް ނެތް

ގާނޫނުތަކަށް ބަދަލު ގެނެސްގެން ނޫނީ، ސަރުކާރުން ހުށަހެޅި ގޮތަށް ދައުލަތުގެ އިސްވެރިންގެ މުސާރަތައް ކުޑަކުރަން ނުފެންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާދެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

 

މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ ދައުލަތުގެ އިސްވެރިންގެ މުސާރަތައް ކުޑަކުރުމުގެ މައްސަލައާ މެދު މާލިއްޔަތު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު ފާސްކުރަން ފެނޭތޯ ހުށަހަޅައި، ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 44 މެންބަރުންގެ އިއްތިފާގުންނެވެ.

 

ސަރުކާރުގެ އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން މިނިވަން މުއައްސާތަކާއި މުސްތަގިއްލު މަގާމުތަކާއި ޝަރުއީ އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ދެއަހަރުު ދުވަހަށް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ލަފަޔަކަށް އެދި ރައީސް ހުށައެޅުއްވީ މި މާރޗު މަހުގެ 10ވަނަ ދުވަހުއެވެ.

 

ރައީސް ވަނީ މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ އަސާސީ މުސާރަ 12000 ރުފިޔާއިން މަތިން ލިބޭ މަގާމުތަކުގެ އަސާސީ މުސާރައިންނާއި މިނިވަން މުއައްސަސާތަކާއި ސަރުއީ ދާއިރާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަސާސީ މުސާރައިން ވެސް 10 އިންސައްތަ އުނިކުރުމާ މެދު ލަފަޔަކަށް އެދިވަޑައިގެންފައެވެ.

 

މި މައްސަލާގެ ކޮމިޓީ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ގިނަ މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތަކުގެ މުސާރައިން 10 އިންސައްތަ އުނިކުރެވޭނީ ގުޅުންހުރި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ކަމަށެވެ. އަދި އެއް ގިންތިއެއްގެ މަގާމުތަކަށް މުސާރައާއި އިނާޔަތްތައް އެއް ހަމައެއްގައި ހިފެހެއްޓުމަކީ ކޮމިޓީގެ ޒިންމާއެއްކަމަށް ވެސް ރިޕޯޓުގައިވެއެވެ.

 

އެހެންކަމުން ގާނޫނުތަކަށް ބަދަލު ނުގެނެސް މުސާރަ އުނިކުރުމަށް ކޮމިޓީން ނިންމުމަކީ އިންސާފުވެރި ގޮތަކަށް ނުވާނެތީ، އެކަން ކުރުމަށް މިވަގުތު ނުފެންނަކަމަށް ރިޕޯޓުގައިވެއެވެ.

 

ރައީސް އަށް ލަފާއެރުވުމަށް ކޮމިޓީން ނިންމި އެހެން ކަންކަމުގެ ތެރޭގައި މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން އެއްކޮށްލައިގެން ޚަރަދުތައް ބޮޑުތަނުން ކުޑަކުރެވޭނެކަމަށް ކޮމިޓީއަށް ފެންނަކަން ހިމެނެއެވެ. އަދި އެއްކޮށްލެވެން ހުރި މުއްސަސާތައް ދެނެގަނެ އެއްކޮށްލެވިއްޖެނަމަ، ހަރަދު ކުޑަކުރެވޭނެކަމަށް ފެންނަކަމަށް ރައީސަށް ލަފާ އެރުވުން ހިމެނެއެވެ. 


ކޮމެންޓް