ފަސް ގައުމަކަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވެވީ ބްރޫނާއީ ދާރުއްސަލާމާއި ގްރޭންޑް ޑަޗީ އޮފް ލަގްޒަމްބަރގްއާއި ކިންގްޑަމް އޮފް ނެދަލެންޑްސް އަދި ފްރާންސްއާއި އޮސްޓްރޭލިޔާއެވެ.
މި ގައުމުތަކަށް އައްޔަންކުރުމަށް ހުށައެޅުއްވި ނަންތައް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށްފައިވާއިރު، އެ ކޮމިޓީން ނިންމާފައިވަނީ ނޮން ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރެއްވުމަށް ރައީސް ފޮނުއްވެވި ހުރިހާ ބޭފުޅުންނަކީ ވެސް ސަފީރުކަމަށް އައްޔަންކުރަން އެކަށީގެންވާ ބޭފުޅުން ކަމަށެވެ. އަދި މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.
މަޖިލީހުން ރުހުންދެއްވި ނޮން-ރެސިޑެންޓް ސަފީރުންނަކީ ބްރޫނާއީ ދާރުއްސަލާމަށް ޑޮކްޓަރ މަރިޔަމް ޝަބީނާ އަޙްމަދު، ގްރޭންޑް ޑަޗީ އޮފް ލަގްޒަމްބަރގްއާއި ކިންގްޑަމް އޮފް ނެދަލެންޑްސް އަށް ޤީލާ ޢަލީ، ފްރާންސަށް ޑރ. އިރުތިޝާމް އާދަމް އަދި އޮސްޓްރޭލިޔާ އަށް މުޙައްމަދު ލުވޭޒު އެވެ.
މި ގައުމުތަކަށް ސަފީރުން އައްޔަންކުރުމަށް ރައީސް ޑރ. މުޢިއްޒު ހުށައެޅުއްވީ މި މަހުގެ 17 ވަނަ ދުވަހުއެވެ. ނޮން ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރުމަށް މަޖިލީހުން ފާސްކުރުމުން އެ ފަރާތްތައް ސަފީރުކަމުގެ މަގާމަށް އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.