ރާއްޖެ

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިންސްޕެޝަނެއް

ފިހާރަތަކާއި މާރުކޭޓްތަކުން ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މާސް އިންސްޕެޝަނެއް ފަށައިފިއެވެ.

 

މިއީ ހެލްތު މިނިސްޓްރީއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގުޅިގެން ފެށި މި އިންސްޕެކްޝަނެވެ. މިއަހަރުގެ ރަމަޟާން މަހާއި ދިމާކޮށް މިއަދު ހެނދުނު ފެށި މި އިންސްޕެކްޝަން ހަވީރު 4 ޖެހުމާއި ހަމައަށް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.

 

މި އިންސްޕެކްޝަންގެ މަގްސަދަކީ ކާބޯތަކެތީގެ ރައްކާތެރިކާތެރިކަމުގެ ގާނޫނާއި އެގާނޫނުގެ ދަށުން އެކުލަވާލާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވިއްކާ، ގުދަންކޮށް އަދި އެތަންތަނުގައި ގެންގުޅޭ ކާބޯތަކެއްޗަކީ ސިއްހީގޮތުން އެކަށީގެންވާ، ރައްކާތެރި ކާބޯތަކެތިކަން ކަށަވަރުކުރުމެވެ.

 

މިގޮތުން ފިހާރަތަކާއި މާރުކޭޓްތައް ބުޅަލާއި މީދާ ފަދަ ޖަނަވާރުތަކަށް ނުވަދެވޭގޮތަށް ޕެސްޓްކޮންޓްރޯލް ކުރެވިފައިވޭތޯ ބެލުމާއި، ކާބޯތަކެތި ބަހައްޓާފައި ހުންނަ ރެކް، ޝެލްފް އައިސްއަލަމާރީގައި ކާބޯތަކެތި ބަހައްޓާފައި ހުންނަގޮތް ބަލާނެއެވެ. އަދި ވަކި ފިނިހޫނުމިނެއްގައި ބެހެއްޓުމަށް ލޭބަލްގައި އިރުޝާދު ދިފައިވާ ތަކެތި ބަހައްޓަނީ އެ އިރުޝާދާއި އެއްގޮތަށްތޯ ވެސް ބަލާނެއެވެ.

 

މީގެއިތުރުން މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ހުރިތޯ ބަލައި، ކާބޯތަކެތި ބަންދުކޮށް، ލޭބަލްކޮށް،ގުދަން ކޮށްފައިވަނީ ރައްކާތެރިކޮށްތޯ ވެސް މި އިންސްޕެކްޝަނުގައި ބަލާނެއެވެ.

 

ކާބޯތަކެތި ރައްކާތެރިކުރުމުގެ ގާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވާފައިވަނީ 2024 ވަނަ އަހަރުގެ މޭމަހުގެ 23 ވަނަ ދުވަހުއެވެ. މިގާނޫނަށް ޢަމަލުކުރުމަށް ފަށާފައިވަނީ 23 އޮގަސްޓް 2024 އިން ފެށިގެންނެވެ.

 

މި ގާނޫނަށް ޢަމަލުކުރަން ފެށުމާއެކު އެމްއެފްޑީއޭ އިން ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓައި ގިނަ މަސައްކަތެއް ދަނީ ކުރަމުންނެވެ. އެގޮތުން އެފަދަ ހިދުމަތްދޭ ހުރިހާ ތަނެއް މިގާނޫނުގެ ދަށުން ރަޖިސްޓްރީކޮށް ވަކި އުސޫލެއްގެ ތެރެއިން ހިދުމަތްދިނުމަށް ކަނޑައެޅިފައިވާއިރު، ކާބޯތަކެތި އުފައްދާ އަދި ވިއްކާ ފަރާތްތަކަށް ކާބޯތަކެތީގެ ރައްކާތެރިކަމަށް އަހުލުވެރި ކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޕްރޮގްރާމްތައް ވެސް ދަނީ ކުރިއަށްގެންދަމުންނެވެ.

 

 

ކޮމެންޓް