ސަރުކާރުން ކުރައްވާ މަސައްކަތް ރައްޔިތުންނަށް އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން ހަގީގަތާއި ހިލާފު ވާހަކަތައް ފަތުރަމުންދާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުޑަހުވަދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަަވަމުންނެވެ.
އެގޮތުން މަސްދަޅު ކޭސް ރައްޔިތުންނަށް ހަދިޔާކުރުމާއި ގުޅޭގޮތުން ވެސް ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭގޮތަށް ބައެއް ފަރާތްތަކުން ވާހަކަތައް ފަތުރަމުންދާކަން ފާހަގަކުރެއްވިއެވެ.
"މަސް ދަޅު ކޭސް ހަދިޔާކުރުމަށްފަހު އެކަމަށް ހިނގި ހަރަދު ކަރަންޓު ބިލުތަކުން ނެގުމަށް ސަރުކާރުން ރާވާފައިވާކަމަށް ބުނެ ހަގީގަތާއި ހިލާފު ވާހަކަތައް ދަނީ ފަތުރަމުން."
މިކަމާއިގުޅިގެން ރައީސް ވަނީ އެފަދަ ކަމެއް ސަރުކާރުން ނުކުރައްވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ. އަދި އޭގެ ބަދަލުގައި މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދެއްވާނެކަމުގެ އުފާވެރި ޚަބަރު އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ދޮގު ވާހަކަތައް ފެތުރުމާއި އެކަމުގެ ސަބަބުން މުޖްތަމައާއި ގައުމަށް އޮތް ނުރައްކަލުގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސް ވަނީ އެފަދަ ކަންކަމަށް ހޭލުންތެރިވެ، ދުރުހެލިވެ ހުރުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.